twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޝައްކުވާ ހަތަރު މީހަކު އެބަތިބި: ފުލުހުން

May 7, 2021

ކުރީ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއާ ކައިރިން އެ މަނިކުފާނަށް އަމާޒުކޮށް ހަމާލާ ދިނުމަށް ރޭ 8:30 ހާއިރު ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހަމަލާ އަމާޒު ކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅަށެވެ. ނީލޯފަރުމަގުގައި ދިން ނުރައްކާތެރި އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އޭޑީކޭ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ގިނަ އޮފަރޭޝަންތަކަކަށްފަހު އެމަނިކުފާނުގެ ހާލު ރަނގަޅުކަމަށް އާއިލާއިން ބުނެ އެވެ. އެމަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭޑީކޭއާ ހަވާލާދީ ފުލުހުން ބުނީ އެމަނިކުފާނު ހުރިހާ ސާޖަރީތައް ކާމިޔާބުކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ދިން ސަރަހައްދުން ހަމަލާ ދިންކަމަށް ބެލެވޭ ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށެވެ.

އަދި އެ ހަތަރު މީހުން ހޯދައި ހައްޔުރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. އެކަމަކު މައްސަލާގެ ބާވަތުން އެ ހަތަރު މީހުންނާ ބެހޭ އެއްްވެސް މައުލޫމާތެއް ފުލުހުން ހާމައެއްނުކުރި އެވެ.

މި ހަމަލާއާ ގުޅިގެން ހާއްސަ ތަހުގީގުތައް ފަށާފައިވާއިރު މާލޭގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއއެކު ފުލުހުންގެ އެލާރޓް ލެވެލް 3 އަކަށް މަތިކޮށްފައެވެ.

އެ ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ހާއްސަ އަހުމިއްޔަތު ކަމެއް ދީގެން މި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ހެކި އެއްކުރަމުންނެވެ.

ލިޔުނީ: އަލީ ރަމީޒު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355