ކުޅުދުއްފުށިން އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކާ، ފާޅުބޯޓާ ގުޅުން ހުރިކަން ހާމަވެއްޖެ އެވެ. އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޕޮޒިޓިވްވީ މެއިމަހުގެ ދެވަނަ ދުވަހު އެވެ.
ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކީ 24 އަހަރާއި 35 އަހަރާއި އަދި 52 އަހަރުގެ މީހެކެވެ. އެއީ ދެ މަފަރިއަކާއި މަންމަ އެކެވެ.
އެ ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގއަށްލާ، 13 ގެޔެއް ބަންދުކޮށް، ރޭންޑަމް ސާމްޕަލް ނިމެނޭހެން 234 ސާމްޕަލެއް ނަގައި ޓެސްޓްކުރި އެވެ. އެކަމަކު އެ ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް އެވެ. ޕޮޒިޓިވްވި ތިން މީހުންނަކީ ކައިރި ދުވަސްތަކެއްގައި ރަށުން ބޭރަށް ދަތުރުކޮށްފައިނުވާ ބައެއްކަމަށްވުމުން އެ މީހުންނަށް ބަލި ޖެހުނު ގޮތަކާމެދު ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.
މައުލޫމާތު އެނގޭ އޮފިސަރަކު ވިދާޅުވީ، ޕޮޒިޓިވްވި 52 އަހަރުގެ އަންހެން މީހާގެ ފިރިމީހާ މަސައްކަތްކުރަނީ ފާޅުބޯޓުގައި ކަމަށާ އެހެންވެ އޭނާގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށެވެ. ފާޅުބޯޓުގެ ފަޅުވެރިޔާގެ ސާމްޕަލް ނެގުން ލަސްވީ ބޯޓް އެވަގުތު މާލޭގައި އޮތުމުން ކަމަށް އޮފިސަރު ވިދާޅުވި އެވެ.
މާލޭގައި ބޯޓް އޮއްވާ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި އެ މީހާ ޓެސްޓްކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާ އެއީ 54 އަހަރުގެ މީހެއްކަމަށް އޮފިސަރު ވިދާޅުވި އެވެ. އެ ބޯޓު ކުޅުދުއްފުއްޓަށް އައުމަށް ވަނީ ފުރާފަ އެވެ.
އެޗްއީއޯސީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މާލެ ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މާލެއަށް ފައިބާ މައްސަލަ ބޮޑުވެފައިވާ ކަމަށާ އެގޮތަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިންވެސް ފާޅުބޯޓުން ކޮވިޑް ކޭސްތަކެއް ފެނި 51 މީހަކު އެކަހެރިކޮށްފައިވެ އެވެ.