ފާޅު ބޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، 9 މީހުންނާ އެކު ބޯޓު ކުޅުދުއްފުށީ ބަނދަރުގައި ކަރަންޓީންކޮށްފި އެވެ. ފާޅު ބޯޓުން ޕޮޒިޓިވްވި މީހާއަކީ ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވްވި 3 މީހުންގެ ތެރޭގައި ހިމެނޭ 52 އަހަރުގެ އަންހެން މީހާގެ ފިރިމީހާ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓު ކަރަންޓީންކޮށްފައިވަނީ މިއަދު ހެނދުނު 9:30 ބޯޓު ރަށަށް އައުމާއެކުއެވެ. ބޯޓުން ޕޮޒިޓިވްވި މީހާ މިހާރު ވަނީ އާއިލާ ކައިރިއަށް ބަދަލުކޮށް ކަރަންޓީންކޮށްފައެވެ. އެމީހާ ފިޔަވާ އެހެން އެންމެން ކަރަންޓީންކޮށްފައިވަނީ ބޯޓުގައެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ކަރަންޓީން ކޮށްފައިވާ 9 މީހުންގެ ސާމްޕަލް މިރޭގެ ވަގުތެއްގައި ނަގާނެކަމަށާއި، އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ބޯޓުން އެއްވެސް މުދަލެއް ބޭލުން މަނާކޮށްފައިވާނެ ކަމަށެވެ. ބޯޓުން އިތުރު މީހަކު ޕޮޒިޓިވްވި ނަމަވެސް މުދާ ބޭލުމަށް ހުއްދަ ދެވޭނީ އެމީހަކު އެކަހެރިކޮށް ބަނދަރަށް މުދާ ބާލާ ޑިސްއިންފެކްޓް ކުރުމަށް ފަަހުކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ބޯޓު މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށިން އެންމެ ފަހުން ފެނުނު ކޮވިޑްގެ 3 ކޭސް ފާޅުބޯޓާ ގުޅުން ހުރިކަންވަނީ ހާމަވެގެން ގޮސްފައެވެ. އެއިރު ފާޅުބޯޓުގެ ފަޅުވެރިޔާގެ ސާމްޕަލް ނެގުން ލަސްވީ ބޯޓް އެވަގުތު މާލޭގައި އޮތުމުންނެވެ. ރަށުން 3 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީވެސް ބޯޓު މާލޭގައި އޮއްވައެވެ.
މިިދިޔަ އަހަރު ސެޕްޓެމްބަރު މަސްތެރޭގައިވެސް އެ ބޯޓުގައި މަސައްކަތް ކުރާ މިހާރު ކޮވިޑަށް ޕޮޒިވްވެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ކޭސްއާގުޅިގެން 51 މީހަކު އެކަހެރި ކުރިއިރު އެފަހަރު ބޯޓުގައި މަސައްކަތް ކުރާ އިތުރު ދެމީހަކުވެސް ޕޮޒިޓިވްވި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ މާލެ ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މާލެއަށް ފައިބާ މައްސަލަ ބޮޑުވެފައިވެ އެގޮތަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.