twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ދަރިވަރަކާއި އެމްއޯސީގެ މުވައްޒަފެއް ހިމެނޭ

- ކުޅުދުއްފުށީގެ އަދަދު ވަނީ 6 އަކަށް އަރާފަ
- ބަލި ފެތުރިފައި އޮވެދާނެކަމަށް ބެލެވޭ
- މާސްކް އަޅައި ރައްކާތެރިވުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ

އަބްދުލް ވާހިދު ޙަސަން
May 12, 2021

ކުޅުދުއްފުށީ ސިޓީން ކޮވިޑް-19 އަށް، އަންގާރަ ދުވަހު ޕޮޒިޓިވްވި 34 އަހަރުގެ އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ބަލި ޖެހުނު މީހުންގެ ތެރޭގައި ދެ ދަރިވަރަކާއި އެމްއޯސީ ބުކްޝޮޕްގެ މުވައްޒަފެއް ހިމެނޭކަން ކޭއޯއަށް އެނގިއްޖެ އެވެ.

ރޯގާގެ އަލާމާތްތައް ހުރެގެން، އަންގާރަދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހާގެ ދެ ދަރިންނާއެކު އިތުރު ތިން މީހަކު ޕޮޒިޓިވްވެ އަދަދު މިވަނީ 6 އަކަށް އަރާފަ އެވެ. އެގޮތުން އޭނާގެ 8 އަހަރުގެ ދަރިފުޅާއި 13 އަހަރުގެ ދަރިފުޅު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ދެ ކުދިންގެ ފަރާތުންވެސް ބަލީގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ.

ކޭއޯއަށް މަައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވި ދެ ކުދިންގެ ތެރެއިން 1 ކުއްޖަކު އާދިއްތަ ދުވަހު ސްކޫލަށް ގޮސްފައިވާތީ އެކުއްޖާގެ ކްލާސް ކުދިންނާއި ބައެއް ޓީޗަރުންގެ ސާމްޕަލް މިރޭ ވަނީ ނަގާފަ އެވެ. އެގޮތުން މިރޭ 46 ސާމްޕަލެއް ނަގާފައިވާއިރު އަދި އެއްވެސް ސާމްޕަލެއްގެ ނަތީޖާއެއް ލިބިފައެއް ނުވެ އެވެ.

34 އަހަރު މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމަ ދުވަހު ނެގި 15 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލެއް މިރޭ ޕޮޒިޓިވްވެފައިވާއިރު އެ ތިން މީހުންނަކީވެސް 34 އަހަރުގެ އަންހެން މީހާގެ އާއިލާ ބައެކެވެ. މިރޭ ޕޮޒިޓިވްވި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ 10 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ.

10 އަހަރުގެ ކުއްޖަކީ އަފީފުއްދީން ސްކޫލުގެ ދަރިވަރެކެވެ. އަދި 18 އަހަރުގެ މީހާ ވަޒީފާ އަދާކުރަނީ އެމްއޯސީ ބުކްޝޮޕްގައި އެވެ. އެހެންވުމުން އެ މީހުންގެ ކޮންޓެކްޓްރޭސިން ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު މާދަމާވެސް ސާމްޕަލް ނަގާނެ އެވެ. ކުރިން ފާހަގަކުރި 13 އަހަރުގެ ކުއްޖަވެސް ކިޔަވަމުންދަނީ އަފީފުއްދީން ސްކޫލްގައި އެވެ.

ކުޅުދުއްފުށީގައި ކޮވިޑްގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ބޭރުގައި އުޅޭއިރު މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލުން ދަނީ އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355