ވިއްސާރަ ގަދަވުމާ ގުޅިގެން ކުރިމަތިވަމުންދާ ހާދިސާތައް އިތުރުވެފައިވާތީ ކުޅުދުއްފުށީ ކައުންސިލުން އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމުކޮށްފި އެވެ.
ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވިއްސާރަވެ ވައިގަދަވުމާ ގުޅިގެން ކުރިމަތިވަމުންދާ ހާދިސާތައް އިތުރުވެފައިވާތީ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމުކޮށްފައިވާ ކަމަށެވެ.
ވިއްސާރައާ ގުޅިގެން ކުރިމަތިވަމުންދާ ހާދިސާތައް ރިޕޯޓް ކުރެއްވުމަށް 6527173 ނަންބަރު ފޯނަށް ގުޅައި ރިޕޯޓް ކުރުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ. އަދި ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކައުންސިލުން ބުނީ ވިއްސާރައާއި ވަޔާއި ގުޅިގެން ދިމާވާ ގެއްލުންތައް މަދުކުރުމަށް ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ވަޔާއެކު އެއްލާލެނެ ފަދަ ތަކެތި ބަރުއަރުވައި ނުވަތަ އައްސާފައި ބެހެއްޓުމާއި ގަދަ ވަޔާއެކު ވެއްޓި ދާނެފަދަ ގަސް އަދި ގަހުގެ ގޮފި ދުރާލައި ކޮށުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެެވެ.
އުތުރަށް ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުއްޓަށް ދަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ. މިއަދުގެ ހަވީރާ ހަމައަށް ފުރާޅު އެއްލާލައިގެން ތިން ގެޔަކުން ރިޕޯޓްކޮށްފައިވާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ ފެންފައް ނެއްޓިގެންވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އަދި މީގެ އިތުރުން ކައުންސިލުން ބެލުމުގެ ދަށުން ލޯކަލް ބަނދަރު ސަރަހައްދުގައި ހުންނަ ނޫގޭގެ ޓިނުތައް ނެއްޓި އެތަނަށްވެސް ވަނީ ގެއްލުންތައް ލިބެމުންނެވެ. ސިފައިންގެ އެހީތެރިކަން ފަހަރު އަންނަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.
ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރައާއި ވައިގެ ސަބަބުން ވަމުންދާ ގެއްލުންތަކަށް އިޖާބަދިނުމަށް ރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާ ވެމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.