މެއި 29 ވާ ހޮނިހިރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ޗެލްސީގެ ގިނަ ޓިކެޓް ތަކެއް ނުވިކި އަނބުރާ ޔޫއެފްއޭއާއި ހަވާލު ކޮށްފިއެވެ.
މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ދަނޑަށް ވަނުމަށް ޗެލްސީގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޔޫއެފާ އިން 5،800 ޓިކެޓް ދޫކޮށްފައިވާއިރު އިދިކޮޅު ސިޓީގެ ސަޕޯޓަރުންނަށް ކްލަބުން ދަތުރުގެ ހަރަދު ހަމަޖައްސައިދޭ ގޮތައްވަނީ ނިންމާފައެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ޓިކެޓްތައް ވިއްކި އިރު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ދާން ބޭނުންވާ ޗެލްސީގެ ސަޕޯޓަރުންގެ 2،800 ޓިކެޓަށް ބޮޑު ޑިމާންޑެއް އޮތެވެ. ބާކީވި ޓިކެޓްތަކަކީ ކްލަބްގެ ފަރާތުން ޗާޓަރުކޮށްގެން ހަމަޖައްސާފައިވާ ފްލައިޓްގައިދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓިކެޓްތަކެވެ.
ފައިނަލް މެޗަށް 16,000 ސަޕޯޓަރުން ވެއްދުމަށް ޔޫއެފާއިން ނިންމާފައިވާއިރު ޗާޓަރު ފްލައިޓްގައި ދަތުރުކުރާ ފަރާތްތަކުން ދަތުރު ހަރަދުގެ ގޮތުގައި 200 ޕައުންޓް ދައްކަން ޖެހެއެވެ.
ޓިކެޓްގެ އަގުތަށް 70 ޔޫރޯ އިން 400 ޔޫރޯ އާ ހަމައަށް އުޅޭ އިރު ޔޫއެފާ އިން ކުރިން ހަމަޖައްސާފައި އޮތީ ޗާޓަރު ފްލައިޓްގައިދާ ފަރާތްތަކަށް ޖުމްލަ ޓިކެޓްގެ 90 އިންސައްތަ ހާއްސަކުރާށެވެ.
ދަތުރުގައި ޕޯޗްގަލްގައި ހޭދަވާނެ ކަމަށް ބެލެވެނީ 24 ގަޑިއިރު ކަމުން ކޮވިޑް ޓެސްޓް ހަދަންޖެހުމާއި ގުޅިގެން ސަޕޯޓަރުންނަށް ކުރިމަތިވާނެ ދަތިތަކާހެދި ޗާޓަރު ފްލައިޓްގައި ދާ ފަރާތްތަކަށް ހާއްސަކުރާ ޓިކެޓްގެ އަގު ޗެލްސީގެ އެދުމާއެކު ޔޫއެފާ އިން ވަނީ ދަށްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.