twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށިން އިތުރު 10 ޕޮޒިޓިވް ކޭސް

އަބްދުލް ވާހިދު ޙަސަން
Jun 12, 2021
2

ކުޅުދުއްފުށިން އިތުރު 10 މީހަކު ޕޮޒިޓިވްވެ އަދަދު 13 އަށް އަރައިފި އެވެ. ޕޮޒިޓިވްވެފައިވަނީ ސީކުއީން ބޯޓުން ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން 6 މީހަކާއި ބަހާދަރު ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 4 މީހެކެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު ޓާސްކް ފޯސްގެ މީޓިންގައި ވަނީ މާލެ ދަތުރު ކުރާ ބޯޓު ފަހަރު ރަށަށް ލެފުމާއެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސާމްޕަލް ނެގުމަށް ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މާލޭގެ ހާލަތު އިތުރަށް ހާލަތު ރަނގަޅު ވަންދެން މިގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޓާސްކް ފޯސް އިން މައުލޫމާތުދެ އެވެ.

އެގޮތުގެ މަތީން އިއްޔެ ކުޅުދުއްފުއްޓަށް ލެފި ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރީންގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 4 މީހަކު މި ވަނީ ޕޮޒިޓިވް ވެފައި އެވެ. ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރިން ތިބީ އިއްޔެ ބޯޓު ލެފި ވަގުތުން ފެށިގެން ކަރަންޓީނުގައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ހެލްތް ސާރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ މި ދެ ބޯޓުގެ ޕޮޒިޓިވް ކޭސްތަކާއެކު، ރަށުގެ ރައްޔިތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، އެ މީހަކާ ކޮންޓެކްޓް ވާ މީހުންގެ އަދަދު ވީހާ ވެސް މަދު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

"މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މިފަހަރު ވެސް އިރާދަކުރެއްވިއްޔާ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރެވޭނެ." ކޭއާރުއެޗުގެ މެނޭޖަރު ވިދާޅުވި އެވެ.

ސީކުއީން ބޯޓުގެ ފަޅުވެރިއެއް މި މަހުގެ 9 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު، މި މަހުގެ 10 ވަނަ ދުވަހު އެ ބޯޓުގެ އެހެން ދެ ފަޅުވެރިއެއް ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް ފަޅުވެރިޔާގެ އިތުރު ހަ ޑައިރެކްޓް ކޮންޓެކްޓުންވެސް ހިމެނެ އެވެ.

ސީކުއީން ކުލަސްޓަރއާ ގުޅިގެން މިހާތަނަށް 9 މީހަކު ޕޮޒިޓިވްވެފައިވާއިރު ބަހާދަރު ބޯޓްގެ ހަތަރު މީހުންނާއެކު ޖުމްލަ ޕޮޒިޓިވްވި އަދަދު މިވަނީ 13 އަށް އަރާފަ އެވެ. މިހާތަނަށް 69 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު 28 ގެއެއް ވަނީ މޮނިޓަރިންގއަށް ލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355