twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހަތް އަހަރުތެރޭ ނެދަލޭންޑްސްއިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކަށް ކޮލިފައިވެ މޮޅެއް ހޯދައިފި

މުޙައްމަދު އަހުމަދު
Jun 14, 2021

ފޯރިގަދަ ކުޅުމަކަށް ފަހު ރޭ ނެދަލޭންޑްސް އާއި ޔޫކްރޭން ބައްދަލުކުރި މެޗުން ނެދަލޭންޑްސް ކުރި ހޯދައިފިއެވެ. ވާދަވެރި ކުޅުމަކަށް ފަހު ނެދަލޭންޑްސްއިން މި މެޗު ކާމިޔާބު ކުރީ 3 – 2 ތަފާތަކުންނެވެ.

ރޭ އެމްސްޓެޑަމްގައި ކުޅެވުނު މެޗަކީ އަދި މިހާތަނަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިގެން ގޮސްފައެއް ނުވާއިރު އަމިއްލަ ދަނޑުގައި ނެދަލޭންޑްސްއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭ ގޮތް ނުވެފައެވެ.

ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ނެދަލޭންޑްސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ ޔޫކްރޭނުން ފަހަތުން އަރާ ދެ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމުންނެވެ. ޔޫކްރޭނުން ގާތްގާތުގައި ދެ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަކުރުމުން ނެދަލޭންޑްސްއަށް އޮތް ޕުރެޝަރު ބޮޑުވިއެވެ.

ޔޫކްރޭންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑީ ޔާމޮލަންކޯއެވެ. އޭރިއާ ބޭރުން ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި މި ލަނޑަކީ މިހާތަނަށް މުބާރާތުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ލަނޑެވެ. އޭގެ 3 ވަރަކަށް މިނެޓްފަހުން ޔޫކްރޭނުން މެޗުގެ ނަތީޖާ ހަމަކުރީ ލިބުނު ހިލޭޖެހުމެއްގައި ރުސްލާން މެލިނޯވްސްކީ ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން އެޓީމުގެ ރޯމަން ޔަރެމްޗުކްއެވެ. މިއީ އެޓީމުގެ އޮލެކްސޭންޑަރ ޒިންޗެންކޯއަށް ނެދަލޭންޑްސްގެ ސްޓީފަން ޑެ ވްރިޖް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ.

އަމިއްލަ ދަނޑުގައި ބޮޑު ލަދެއްގައި ބެދެން ދަނިކޮށް ނެދަލޭންޑްސް ސަލާމަތްކޮށްދިނީ ޑެންޒެލް ޑަމްފްރައިސްއެވެ. ޑަޗް ލީގުގައި ޕީއެސްވީއަށް ކުޅުމުން އަންނަ ޑަމްފްރައިސް ނެދަލޭންޑްސްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މުޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް އެޓީމުގެ ނޭތަން އަކޭ ނެގި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެނެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ބައިނަލްއަގުވާމީ މުބާރާތަކަށް ނެދަލޭންޑްސް ކޮލިފައިވެ ކުޅުނު ފުރަތަމަ މެޗެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކާ ނެދަލޭންޑްސްވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. ނަމަވެސް ފައިނަލުގައި ގަދަފަދަ ޕޯޗުގަލްގެ އަތުންވީ ބައްޔެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ސްކޮޓްލޭންޑާއި ޗެކް ރިޕަބްލިކެވެ. އަދި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލޭންޑާ ސްލޮވޭކިއާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355