މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ކާމިޔާބުކޮށްފި އެވެ.
މިފަހަރުގެ މުބާރާތާއެކު ޑޮންނަރުމާ ވެގެން ގޮސްފައިމިވަނީ ޔޫރޯ ތާރީހުގައި މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެ ވަނަ ގޯލްކީޕަރަށެވެ. މީގެ ކުރިން އެކާމިޔާބީ އޮތް ހަމައެކަނި ކީޕަރަކީ 1992 ވަނަ އަހަރު ޑެންމާކާ އެކު ޔޫރޯ ކާމިޔާބުކުރި ކުރީގެ މަޝްހޫރު ގޯލްކީޕަރު ޕީޓާ ޝްމައިކަލް އެވެ.
މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ މިނިޓް ކުޅުން ޑޮންނަރުމާ ވަނީ ސެމީއާއި ފައިނަލުގައި މުޅިއެކު 3 ޕެނަލްޓީ މަތަކޮށްފަ އެވެ. އެއީ ސެމީގައި ސްޕެއިނުގެ މޮރާޓާ ފޮނުވާލި ޕެނަލްޓީ އާއި ރޭ އިންގްލެންޑްގެ ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސަކާ ފޮނުވާލި ޕެނަލްޓީ ތަކެވެ. ޖުމްލަ 719 މިނިޓް ޑޮންނަރުމާ ވަނީ ކުޅެފަ އެވެ. ޖުމްލަކޮށް މުޅި މުބާރާތަށް ބަލާނަމަ އޭނާ ވަނީ އިޓަލީ ކޮޅަށް ލަނޑެއް ވަނަނުދީ ތިން ކްލީން ޝީޓް ފުރިހަމަކޮށްފަ އެވެ.
ޑޮންނަރުންމާ ވަނީ އިޓަލީ އަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދޭން ވަރަށް ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އެއީ ސެމީއާއި ފައިނަލުގައިވެސް މުޅި އިޓަލީ ބަރޯސާވާން ޖެހުނީ ޑޮންނަރުމާއަށް ކަމަށްވުމުންނެވެ. މިފަހަރުގެމުބާރާތުގެ ސެމީ ފައިނަލާ ފައިނަލުގައި އިޓަލީ ކުޅުން ހުރިހާ މެޗެއްގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެހެންކަމުން އިޓަލީ ވެގެން ގޮސްފައި މިވަނީ ޔޫރޯ ތާރީހެއްގައި އެއް މުބާރާތެއްގައި ދެ ފަހަރު ޓީމެއް ޕެނަލްޓީ ޖަހައިގެން މޮޅުވި ހަމައެކަނި ޓީމަށެވެ.
ޒުވާން އުމުރުގައި އިޓަލީގެ މުހިއްމު ކުޅުންތެރިޔަކަށް ޑޮންނަރުމާ ވެފައި ވާއިރު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އިޓަލީގެ ލެޖެންޑް އަދި އެންމެ މޮޅު އެއް ކީޕަރު ޖިއަންލުއިޖީ ބުފޮންއަށް ފަހު އިޓަލީގެ ގޯލު ހަވާލުކުރެވުނު އެންމެ ގާބިލް ކީޕަރެވެ. ގިނަ މީހުން ޑޮންނަރުމާ ސިފަކުރަމުން ދަނީ ބުފޮންގެ "ސަކްސެސާ" ގެ ގޮތުގަ އެވެ.
""2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ސުމަކުން ފަށައިގެން އިޓަލީން މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދުމަކީ އާދަޔާހިލާފު ކާމިޔާބީ އެއް"އިޓަލީގެ ކީޕަރު، ޖިއަންލުއިޖީ ޑޮންނަރުމާ
""ކީޕަރެއްގެ ހުރިހާ ކޮލިޓީ އެބަފެނޭ. އުމުރުން 22 އަހަރު ވިޔަސް ޑޮންނަރުންމާ ފެންނަނީ ތަޖުރިބާގެ ގޮތުން ވެސް ސިކުނޑި ތަނަވަސްކޮށް. ވެދާނެ ކްލަބާއި ގައުމުގައި ނެގި ޒިންމާތަކުން އޭނަ އެ ހިސާބަށް އާދެވުނީ ކަމަށް"އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު، ލިއޮނާޑޯ ބޮނޫޗީ
ޑޮންނަރުމާ އަކީ ހުރިހާ ގޮތަކަށް ބެލި ނަމަވެސް މޮޅު ކީޕަރެއްކަން ހާމަވެ އެވެ. ހަމައެކަނި ގޯލު ބެލެހެއްޓުމުގެ އިތުރުން އޭނާ ވަނީ ޓީމަށް ވަރަށް ބޮޑަށް އިރުޝާދުވެސް ދީފަ އެވެ. އިޓަލީގެ ބައެއް ސީނިއާ ކުޅުންތެރިންވެސް ވަނީ ޑޮންނަރުމާ ކުޅަދާނަކަން ފާހަގަކޮށް އެކަމާ ވާހަކަ ދައްކާފަ އެވެ.
އެގޮތުން އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނީ ޑިފެންޑަރުން ރަނގަޅު މަގާމުގައި ބެހެއްޓުމާއި ޑިފެންސްކުރުމުގައި ސަމާލުވާން ޖެހޭ ވަގުތު އިޝާރާތުން ވިޔަސް ކިޔައިދީ ޑިފެންޑަރުންގެ ޒިންމާ އަދާކުރުވުމުގައި ވެސް ޑޮންނަރުންމާ މުހިއްމު ރޯލެއް ކުޅޭ ކަމަށާއި އޭނާ މޮޅީ ހަމައެކަނި ކުރާ ސޭވްތަކުން އެކަނި ނޫންކަމެވެ.