ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް މައްޗަށް ކުރި ހޯދައި އިޓަލީން ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މިރޭ ލަންޑަނުގެ ވެމްބްލީގައި އިނގިރޭސި އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 - 1 ން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުހޮވި ކުރިމަތިލާން ޖެހުން ލަދު ފިލުވާލާ އިޓަލީން މިވަނީ އެމީހުންގެ ފެންވަރު ދައްކާލާފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު އިންގްލެންޑުން ލީޑު ނެގި އެވެ. އެގޮތުން އިންގްލެންޑުން އުފެއްދި ކައުންޓަރ އެޓޭކެއްގައި އޭރިއާގެ ކަނެއްހާ ހިސާބުން ޓްރިޕިއާ ނަގައިދިން ބޯޅަ ލޫކް ޝޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. މިއީ ޔޫރޯ ތާރީހުގައި ފައިނަލެއްގައި ފެނުނު އަވަސް ގޯލެވެ. މި ގޯލަށް ފަހު އިޓަލީން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 1 - 0 ން އިންގްލެންޑް ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން އިޓަލީން ވަނީ ރަނގަޅު ފުރުސަތުތަކެއް އުފައްދާފަ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިޓަލީ ކުޅުނުއިރު އެޓީމުން ވަނީ އޮން ޓާގެޓަށް 6 ހަމަލާއެއް ފޮނުވާޅާފަ އެވެ. ނަމަވެސް އިންގްލެންޑަށް ފޮނުވާލެވުނީ އެންމެ 2 ހަމަލާ އެވެ. މެޗުގެ ނަތީޖާ ހަމަކުރުމަށް އިޓަލީން ދިޔައީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން އެޓީމުގެ ފެޑެރިކޯ ކިއޭސާ އާއި ލޮރެންޒޯ އިންސީނިއޭ އަދި ޗިރޯ އިމްމޯބިލޭގެ ޝޮޓްތައް ފާހަގަކުރެވެ އެވެ.
އިޓަލީން އެއްވަރުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތް ކާމިޔާބުވާ ގޮތްވީ މެޗުގެ 67 ވަނަ މިނެޓުގަ އެވެ. އިޓަލީއަށް ލިބުނު ކޯނަރަކުން އުފެދުނު ފުރުސަތަކުން މާކޯ ވެރާޓީ ބޮލުން ޖައްސާލި ބޯޅަ ކީޕަރު އަތުގައި ޖެހުމަށްފަހު ގޯލު ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗަށް ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިން ލިއޮނާޑޯ ބޮނޫޗީ ވަނީ އިޓަލީއަށް އުއްމީދު ދަމަހައްޓައިދީފަ އެވެ. އުމުރުން 34 އަހަރާއި 71 ދުވަހާއެކު ބޮނޫޗީ ވެގެން ގޮސްފައިވަނީ ޔޫރޯ ފައިނަލެއްގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
އިޓަލީގެ ފުރަތަމަ ޕެނަލްޓީ ބެރާޑީ އެޓީމަށް ކާމިޔާބުކޮށްދިންއިރު ކޭން ވަނީ އިންގްލެންޑްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް އެއްވަރުކޮށްދީފަ އެވެ. އަންދްރެއާ ބެލޮއްޓީ ފޮނުވާލި އިޓަލީގެ ދެ ވަނަ ޕެނަލްޓީ ޕިކްފޯޑް މަތަކުރިއިރު އިންގްލެންޑަށް ޕެނަލްޓީގައި ލީޑުނަގައިދިނީ ހެރީ މެގުއާ ފޮނުވާލި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯޅައިންނެވެ. އިޓަލީގެ ތިން ވަނަ ޕެނަލްޓީ ބޮނޫޗީ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.
މާކަސް ރެޝްފޯޑްހަތަރު ވަނަ ޕެނަލްޓީ ނާކާމިޔާބުވިއިރު އޭނާ އަކީ ހަމައެކަނި ޕެނަލްޓީ ޖަހަން އެރުވި ކުޅުންތެރިއެކެވެ. ފެޑެރީކޯ ބާނަޑޭޝްކީ ވަނީ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށް އިޓަލީއަށް އެއްވަރުކޮށްދީފަ އެވެ. އިންގްލެންޑްގެ ފަސް ވަނަ ޕެނަލްޓީ ޖޭޑަން ސަންޗޯ ފޮނުވާލި ނަމަވެސް އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ މަތަކުރީ އެވެ. އެއާއެކު އިޓަލީއަށް މޮޅުވާން ފުރުސަތު ލިބުނެވެ. ނަމަވެސް ކުޅަދާނަ މިޑްފީލްޑަރު ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. ޖިއަންލުއީޖީ ޑޮންނަރުންމާއަކީ ކުޅަދާނަ ކީޕަރެކެވެ. އިންގްލެންޑްގެ ބުކާޔޯ ސަކާ ފޮނުވާލި ފަސް ވަނަ ޕެނަލްޓީ ވެސް މަތަކޮށް ޑޮންނަރުމާ ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ. އަދި މިއާއެކު އިޓަލީ މިވަނީ ޔޫރޯގެ ތަށި ހިއްލާލާފަ އެވެ.
55 އަހަރު ފަހުން ފައިނަލަކަށް ދަތުރުކޮށް ތައްޓެއް ހޯދަން ނުކުތް ސައުތްގޭޓްގެ އިންގްލޭންޑް ޓީމަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. ދެން އޮތީ 2022 ގެ ވޯލްޑް ކަޕެވެ.