މިރޭ ސްކޮޓްލޭންޑްގެ ހެމްޕްޑެން ޕާކުގައި ސްކޮޓްލޭންޑާ ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 2 - 0 ގެ ތަފާތަކުން ޗެކް ރިޕަބްލިކްއިން ކާމިޔާބު ކޮށްފިއެވެ.
މެޗު ފެށުނީއްސުރެ ދެޓީމުންވެސް ކުރިއަށް ޖެހިގެން ލަނޑު ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ސްކޮޓްލޭންޑުގެ ގޯލާ އަމާޒުކޮށް ޗެކް ރިޕަބްލިކްއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ހަމަލާއަކީ އޭރިއާ ބޭރުގައި ހުރެފައި ޝިކް ފޮނުވާލި ހަމަލާއެވެ. ނަމަވެސް މި ހަމަލާ ސްކޮޓްލޭންޑްގެ ކީޕަރު ޑޭވިޑް މާޝަލް ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ބަޔާން ލެވަކޫސަންއަށް ކުޅޭ ފޯވާޑް ޕެޓްރިކް ޝިކް ވަނީ ޗެކް ރިޕަބްލިކަށް ލީޑު ނަގައިދީފައެވެ. ވްލަޑިމީރް ސޯފާލް ނަގައިދިން ހުރަހަކުން ޝިކް މި ގޯލު ކާމިޔާބު ކޮށްދިނީ ބޮލުންނެވެ.
ދެވަނަ ހާފު ފެށިގެން ސްކޮޓްލޭންޑަށް ވަނީ ނަތީޖާ ހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ޖެކް ހެންޑްރީ ފޮނުވާލި މިހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ލަނޑަކީ ޔޫރޯގެ ތާރީޙުގައި ފާހަގަ ކޮށްލެވޭނެފަދަ މޮޅު ލަނޑެކެވެ. ދަނޑުގެ މެދު ރޮނގަށް ވުރެ ތަންކޮޅެއް ކުރީގައި ހުރެފައި ޕެޓްރިކް ޝިކް ފޮނުވާލި ހަމަލާވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ. މި ލަނޑަކީ މެޗުގެ ނަތީޖާ ހަމަކުރުމަށް ސްކޮޓްލޭންޑްގެ ޓީމުން ކުރިއަށް ޖެހި އޮތް ދަނޑިވަޅެއްގައި ޝިކް ކީޕަރުގެ ބޯމަތިން ގޯލު ތެރެއަށް ފޮނުވާލި ޝޮޓެކެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ހެޓްރިކް ހަމަކުރަން ޝިކްއަށް ލިބުނު ފުރުސަތުގައި އޭރިއާތެރޭގައި ހުސްކޮށް ހުރެފައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރުގެ އަތަށެވެ.
ގުރޫޕް އީގައި ޕޮލެންޑާ ސްލޮވޭކިއާ ބައްދަލުކުރާ މެޗު މިހާރު ފަށައިގެން އެބަ ކުރިއަށްދެއެވެ. ގުރޫޕް އީގެ ދެވަނަ މެޗުގައި މިރޭ ދަންވަރު ބާރަ ޖަހާއިރު ބައްދަލުކުރާނީ ސްޕޭނާއި ސުވިޑަން އެވެ.