twitterviber whatsapp telegramfacebookyoutube instagram
7th May 2024

އިޓަލީއާއި ވޭލްސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Jun 20, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވޭލްސްގެ މައްޗަށް ކުރިހޯދައި އިޓަލީން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ވޭލްސްގެ މައްޗަށް އިޓަލީން ކުރިހޯދީ 1 - 0 ގެ ތަފާތަކުންނެވެ.

މެޗުގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުގެ މަޓިއޯ ޕެސީނާއެވެ. މިލަނޑަކީ އިޓަލީގެ ކެޕްޓަނަކަށް މިރޭ ކުޅުނު ވެރާޓީ ނަގައިދިން ހިލޭޖެހުމަކުން ޕެސީނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗު ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިޓަލީންވަނީ ވޭލްސްގެ ގޯލާ ދިމާލަށް 6 ހަމަލާ ފޮނުވާލާފައެވެ. މުޅިއެކު 23 ހަމަލާއެއް އިޓަލީން އުފެއްދިއިރު ގޯލާ ސީދާވެފައިވަނީ އެންމެ 6 ހަމަލާއެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީންއަށް ވަނީ މެޗުގެ ލީޑު ފުޅާކުރަން ވަރަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 88 ވަނަ މިނެޓުގައި ބެލޯޓީ ފޮނުވާލި ހަމަލާއެވެ. ނަމަވެސް ގޯލުގެ ތިރީކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ވޭލްސްގެ ކީޕަރު ވާޑް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގައި އިޓަލީގެ ބާނަޑެސްކީއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސްގެ ޑިފެންޑަރު އަމްޕަޑޫއަށް ވަނީ ސީދާ ރަތްކާޑު ދެއްކުމަށްފަހު ދަނޑުން ފޮނުވާލާފައެވެ. މިމެޗުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވޭލްސްވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މިގުރޫޕްގައި މިރޭ ދެންކުޅެވުނު މެޗުގައި ބަައްދަލުކުރީ ސްވިޒަލޭންޑާ ތުރުކީއެވެ. މިމެޗު 3 - 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވިޒަލޭންޑުންނެވެ. މިމެޗުން ވީ ބައްޔާއެކު އެންމެ މެޗަކުންވެސް މޮޅުނުވެ ތުރުކީ މިވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސްވިޒަލޭންޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި ޒުބެރް ޖައްސާލި ބޯޅައަކުން ސްވިޒަލޭންޑްގެ ސެފެރޮވިޗް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ގޯލުގެ ތިރީކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ދިފާއުކުރަން ތުރުކީގެ ކީޕަރު ސަކިރް ވަނީ ނުކުޅެދިފައެވެ. ސްވިޒަލޭންޑުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 26 ވަނަ މިނެޓުގައެވެ. އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ޒެރްދާން ސަޤީރީއެވެ. މިއީ ތުރުކީ ގޯލުގެ މަތީކަނަށް ފޮނުވާލައިން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ތުރުކީގެ އިރުފާން ކަވޭޝީވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މީގެ ހައެއްކަ މިނެޓު ފަހުން ސްވިޒަލޭންޑުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޒުބެރް ޖައްސާލި ބޯޅަ ސަޤީރީވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިމެޗުގައި ސްވިޒަލޭންޑްގެ ތިން ލަނޑުވެސް އެސިސްޓްކޮށްދީފައިވަނީ ސްޓީވަން ޒުބޭރެވެ. މިމޮޅާއެކު ސްވިޒަލޭންޑަށްވަނީ ގުރޫޕް އޭގެ ތިންވަނަ ލިބިފައެވެ. އެޓީމު ދެވަނަ ބުރަށް ދަތުރުކުރިކަން ޔަގީންކުރަން އަދި އިތުރު އިންތިޒާރެއް ކުރަން ޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355