ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި ކުޅެވުނު މެޗުތަކުން ނެދަލޭންޑްސްއާ އޮސްޓްރިއާ މޮޅުވެއްޖެއެވެ. މިރޭ ރާއްޖެ ގަޑިން 9 ޖެހިއިރު ކުޅެވުނު މެޗުތަކުގެ ތެރެއިން ނެދަލޭންޑްސްއާ ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު 3 - 0 ގެ ތަފާތުން ކާމިޔާބުކުރީ ނެދަލޭންޑްސްއެވެ.
ނެދަލޭންޑްސްއިން މެޗުގައި އެންމެ ފުރަތަމަ ލީޑުނެގީ 24 ވަނަ މިނެޓުގައި މެމްފިސް ޑިޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގައި ނެދަލޭންޑްސްއިން ނޯތު މެސެޑޯނިއާގެ ގޯލަށް ވަނީ 17 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ގޯލާ އަމާޒުވެފައިވަނީ އެންމެ 8 ހަމަލާއެވެ. މެސެޑޯނިއާއިން 13 ހަމަލާ ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ގޯލާ ސީދާވެފައިވަނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެނެވެ.
މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސްއިން ވަނީ މެޗުގައި އިތުރު ދެލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މިދެލަނޑުވެސް ކާމިޔާބުކޮށްދިނީ މިރޭގެ މެޗުގައި އެޓީމުގެ ކެޕްޓަނަކަށް ކުޅުނު ގިނި ވައިނާލްޑަމްއެވެ. މެޗުގެ ދެވަނަ ލަނޑު އޭނާ ޖެހީ 51 ވަނަ މިނެޓުގައި ޑިޕޭ ނަގައިދިން ހުރަހަކުންނެވެ. ޑިޕޭ ނަގައިދިން ބޯޅަ އޭނާ ވަނީ ކަނާތު ފައިން ގޯލަށް ފޮނުވާލާފައެވެ.
ނެދަލޭންޑްސްގެ ތިންވަނަ ލަނޑުވެސް ޖަހާފައިވަނީ ވައިނާލްޑަމްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި އޭނާ މިލަނޑު ކާމިޔާބުކުރިއިރު މެސެޑޯނިއާގެ ކީޕަރަށް ކުރެވުން އެއްވެސް ކަމެއް ނެތެވެ. އޭގެ ދެމިނެޓު ފަހުން ވައިނާލްޑަމްއަށް ވަނީ ހެޓްރިކެއް ފުރިހަމަކުރަން ފުރުސަތު ލިބިފައެވެ. ނަމަވެސް މިފަހަރު ބޯޅަވަނީ ގޯލަށް ވަންނަ ގޮތް ނުވެފައެވެ.
މިރޭ ކުޅެވުން އަނެއް މެޗުގައި ވާދަކުރީ އޮސްޓްރިއާއާއި ޔޫކްރޭނެވެ. މިމެޗު 1 - 0 ގެ ތަފާތަކުން ކާމިޔާބުކުރީ އޮސްޓްރިއާއެވެ. މިިމެޗުގައި އޮސްޓްރިއާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން ކްރިސްޓޮފް ބައުމްގާޓްނާއެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް އޮސްޓްރިއާއަށް ލިބުނުއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ޔޫކްރޭނުގެ ޔަރްމެލަންކޯ ފޮނުވާލި ބޯޅައެވެ. ލައިނާ ބޮލުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ޔޫކްރޭންގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.
މިމުބާރާތުގެ ގުރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅެވޭނެއެވެ. ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމާ ފިންލޭންޑެވެ. އަދި ރަޝިއާއާއި ޑެންމާކެވެ.