twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސައްތައިން ސައްތަ ރެކޯޑަކާއެކު އިޓަލީ ކުއާޓާއަށް

މުޙައްމަދު އަހުމަދު
Jun 27, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބުކޮށްފި އެވެ. ލަންޑަނުގެ ވެމްބްލީގައި ކުޅެވުނު މިމެޗު އިޓަލީން ކާމިޔާބުކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖްގައި އިޓަލީގެ ގޯލު އެއްވެސް ޓީމަކަށް ފޫ އަޅުވާލެވިފައި ނުވިނަމަވެސް އޮސްޓްރިއާގެ ކުރިމަތީގައި އެޖާދުލެއް އިޓަލީއަކަށް ނުދެއްކުނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. މުޅި މެޗުގައި އިޓަލީން ވަނީ 27 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ 6 ހަމަލާ އެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އިޓަލީގެ ބަރޭލީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭރިއާ ލައިން މަތިން ފޮނުވާލި ބޯޅަ އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އޮސްޓްރިއާއިން ލަނޑެއް ޖެހި އެވެ. ލައިނާ ނަގައިދިން ބޯޅަ އަލަބާ ބޮލުން އާނަޓޮވިޗްއަށް ޖައްސާލުމުން އޭނާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ ބޯޅަ ލިބުންއިރު އާނަޓޮވިޗް އޮތީ އޮފްސައިޑްގައި ކަމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރެން ކުޅެވުނު 15 މިނެޓުގެ ދެހާފުގައި އިޓަލީން ވަނީ ދެލަނޑު ޖަހައި އެޓީމުކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އިޓަލީގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެޑެރިކޯ ކިއޭޒާ އެވެ. ސްޕިނަޒޯލާ ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ކިއޭޒާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އޭގެ ދިހަވަރަކަށް މިނެޓުފަހުން ޕެސީނާ ވަނީ އިޓަލީއަށް ލީޑު ފުޅާކޮށްދީފަ އެވެ. މިހާތަނަށް އިޓަލީ ކުޅުނު 11 މެޗުގައިވެސް އެޓީމުކޮޅަށް ގޯލެއް ވަދެފައިނުވާއިރު މިމެޗުގައި އެމީހުންނަކަށް އެ ރެކޯޑެއް ނުދެމެހެއްޓުނެވެ. 114 ވަނަ މިނެޓުގައި ސާސާ ކަލަޗިކް ވަނީ އޮސްޓްރިއާއަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައި މެޗުތަކަށް ބަލާލާއިރު ރާއްޖެ ގަޑިން 9 ޖަހާއިރު ބައްދަލުކުރާނީ ނެދަލޭންޑްސްއާއި ޗެކް ރިޕަބްލިކެވެ. އަދި މިރޭ ބާރަ ޖަހާއިރު ބައްދަލުކުރާނީ ބެލްޖިއަމާ ޕޯޗުގަލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355