twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސުޕެއިނުން ކުރޮއޭޝިއާ ރޮއްވާލައި ކުއާޓާ ފައިނަލަށް

މުޙައްމަދު އަހުމަދު
Jun 29, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސުޕެއިނާއި ކޮރޭޝިއާ ބައްދަލުކުރި މެޗު 5 - 3 ގެ ނަތީޖާއަކުން ސުޕެއިނުން ކާމިޔާބުކޮށްފި އެވެ.

ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ކޮރޭޝިއާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކީޕަރަށް ޖައްސާލި ބޯޅަ ސުޕެއިންގެ ޕެޑްރީ އަތުން ވަނީ ބައި ގޯލުގެ ތެރެއަށް ވަދެފަ އެވެ. މިހާތަނަށް އެއްމެޗެއްގައި ދެވަނައަށް އެންމެ ގިނަ ލަނޑު ވަތް މެޗަށް މިމެޗު ވަނީ ވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ސުޕެއިނަށް ނަތީޖާ ހަމަކޮށްދިނީ އެޓީމުގެ ސްޓްރައިކަރް ޕަބްލޯ ސަރާބިއާ އެވެ. އެޓީމުގެ ގަޔާ ފޮނުވާލި ހަމަލާ ކޮރޭޝިއާގެ ކީޕަރު ލިވަކޮވިޗްގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ސުޕެއިނުންވަނީ މިލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެފައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު އެޒްޕިލިކުއެޓާ ވަނީ ސުޕެއިނަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ފެރާން ޓޮރެސް ނަގައިދިން ހުރަހަކުން އެޒްޕިލިކުއެޓާ މިލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފެރާން ޓޮރެސް ވަނީ ސުޕެއިނަށް ނަތީޖާ އިތުރަށް ފުޅާކޮށްދީފަ އެވެ. ނަމަވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް ކޮރޭޝިއާއިން ވަނީ ދެލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްލާފަ އެވެ. 85 ވަނަ މިނެޓުގައި އެޓީމަށް ލަނޑުޖަހައިދިނީ މިސްލާވް އޮރިސިޗެވެ. އަދި 90 މިނެޓު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މާރިއޯ ޕަސަލިޗްވަނީ ކޮރޭޝިއާއަށް މެޗުގެ ނަތީޖާ ހަމަކޮށްދީ އުއްމީދު ދަމަހައްޓާފަ އެވެ. އޮރިސިޗް ނަގައިދިން ހުރަސް ޕަސަލިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމު އެއްވަރުވެފައިވުމުގެ ސަބަބުން ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އެގޮތުން މެޗުގެ 100 ވަނަ މިނެޓުގައި އޮލްމޯ ނަގައިދިން ހުރަހެއް ފައިން ކޮންޓްރޯލް ކުރުމަށްފަހު ސުޕެއިންގެ އަލްވާރޯ މޮރާޓާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. މިލަނޑަކީ މިރޭގެ މެޗުގައި ސުޕެއިން މޮޅުކޮށްދިން ލަނޑެވެ. ނަމަވެސް މިލަނޑަށް ފަހު ވެސް ސުޕެއިނުން ވަނީ ގޯލެއް ޖަހާފަ އެވެ. އަނެއްކާވެސް އޮލްމޯގެ ހުރަހަކުން މިކެލް އޮޔަރްޒަބަލް ވަނީ ސުޕެއިނަށް ލަނޑެއް ޖަހައިދީ މެޗުގެ ފަރަގުވަނީ ބޮޑުކޮށްދީފަ އެވެ.

މިމެޗުން މޮޅުވި ސުޕެއިން ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ފުރާންސާއި ސްވިޒަލޭންޑް ތެރެއިން މޮޅުވާ ޓީމަކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355