ނާރުގެ މައްސަލަތަކާ ގުޅުން ހުރި ބަލިތައް ދެނެގަތުމަށް ހަދައި ނިއުރޯޑައިގްނޮސްޓިކްގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގައި ތައާރަފުކޮށްފި އެވެ. މިއީ ސިކުނޑިއާއި ނާރުގެ މައްސަލަތައް ދެނެގަތުމަށް ހަދައި މުހިންމު ޓެސްޓްތަކެކެވެ
ކޭއާރުއެޗުން ބުނީ ތައާރަފު ކުރެވުނު މި ހިދުމަތާއެކު އީއީޖީ އާއި އާރުއެންއެސް އަދި އެސްއެސްއާރުގެ ޓެސްޓް ހެދޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނިއުރޯ ޓެކްނީޝަންއެއް ކަމަށްވާ އަނޫފް ވިދާޅުވި ގޮތުގައި މި ޓެސްޓްތަކަކީ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ހެދިދާނެ ޓެސްޓްތަކެއް ކަމަށާއި މިއިން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.
އީއީޖީއަކީ ސިކުނޑީގެ ކަރަންޓް ސިގުނަލްތައް ހުންނަ ގޮތް ދެނެގަތުމަށްކުރާ ޓެސްޓެކެވެ. މި ޓެސްޓުން ފިޓް ޖެހޭ ކުދިންގެ ސިކުނޑީގެ ކޮން ހިސާބަކުންކަން ދެނެގަނެވޭކަމަށާއިއަދި ފިޓްގެ ތަފާތު ވައްތަރުތައްވެސް ދެނެގަނެވޭނެކަމަށް ކޭއާރުއެޗުގެ ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑރ ފައިސަލް ވިދާޅުވި އެވެ.
އެހެންވުމުން ބަލި ނުވަތަ މައްސަލަ ހުރި ހިސާބު ދެނެގަނެވި މައްސަލައިގެ ބާވަތް ދެނެގަނެވި ފަރުވާ ކުރިއަށްގެންދަންވީ ގޮތް ދެނެގަނެވޭނެ އެވެ.
އާރުއެންއެސްއަކީ ހަށިގަނޑުގެ ވަކިވަކި ނާރުތަކުގެ މައްސަލަ ދެނެގަތުމަށް ކުރާ ޓެސްޓެއްކެވެ. މި ޓެސްޓްގައި ވަކިވަކި ނާރަކަށް ހަރަކާތްތަކެއް ފޮނުވައިލުމަށްފަހު އެއިން އަންނަ ތަފާތު ރެކޯޑްކުރެވޭ އަދި މައްސަލަ ހުންނަ ހިސާބެއްގައި މައްސަލަ ހުންނަނީ ދެ ނާރު ގުޅޭ ހިސާބުގައިތޯ ނުވަތަ ކުރިއަށް/ފަހަތަށް އިންނަ ނާރުގެ މައްސަލައެއް ތޯ ދެނެގަނެވޭނެކަމަށް ޑރ ފައިސަލް ވިދާޅުވި އެވެ.
އަދި މިއިން ބައެއްގެ ގުނަވަންތައް ނުވަތަ މަސްގަނޑުތައް އަވަހަށް ވާޅުވުން (މަޔަސްތޭނިއާ ގްރޭވީސް) ފަދަ މައްސަލަތައް ދެނެގަތުމަށް އާރުއެންއެސް ޓެސްޓަކީ ވަރަށް މުހިންމު ޓެސްޓެކެވެ.
އެސްއެސްއާރު ޓެސްޓަކީ ނާރުތަކުގެ ބާވަތެއްކަމަށްވާ ސިމްޕަތެޓިކް ނާރުތަކުގެ މަސައްކަތް ދެނެގަތުމަށްކުރާ ޓެސްޓެކެވެ. މިއީ ޓެސްޓް ހާއްސަ ގޮތެއްގައި އަތާއި ފައިގެ ޕެރިފެރަލް ނިއުރޮޕަތީ ފަދަ ނާރުތަކުގެ ބައެއް ބަލިތައް ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓުން ސިސްޓެމިކް ސްކެލެރޯސިސް އާއި ހުޅުތަކުގައި ރިއްސުން ފަދަ ބައެއް ބަލިތައް ދެނެގަތުމަށްވެސް ބޭނުންކުރެ އެވެ.
މިހާރު މިފަދަ ޓެސްޓް ހެދުމަށް ދާން ޖެހެނީ މާލެ އެވެ. ކުޅުދުއްފުށިން މި ޓެސްޓް ހެދެން ފެށުމުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ އެވެ.