ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާޓިފިޝިއަލް ސަރފެކްޓެންޓް ބޭނުންކޮށް، ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި އާޓިފިޝިއަލް ސަރފެކްޓެންޓް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
އާޓިފިޝިއަލް ސަރފެކްޓެންޓް ހިދުމަތަކީ ދުވަސްނުފުރާ ނަގައި ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވެ ހުންނަ މައްސަލައަށް ހައްލު ހޯދައިދީ ފުއްޕާމޭ ހުޅުވާލުމަށް އެހީވެދޭ ހިދުމަތެކެވެ.
މިއީ ދެ ކުދިން ނެގީ އެމެޖެންސީގައި ސިޒޭރިއަން ހަދައިގެން 29 ހަފްތާގައި އެވެ. ދުވަސް ނުފުރާ ނެގި މި ދެ ކުދިން ވިއްސައި ކޭއާރުއެޗުގެ ކުޑަކުދިންގެ ޑިޕާޓްމަންޓްގެ ހިދުމަތްތައް މާލެއާ ގާތްގަނޑަކަށް އެއްފެންވަރެއްގައި ދޭން ފެށި އާއްމުންގެ އިތުބާރު ހާސިލުވާން ފިޔަވަޅެއް ގާތަށް ޖެހިފައިކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވި އެވެ.
ކޭއާރުއެޗުގެ ކުޑަކުދިންގެ ޑިޕާޓްމަންޓްގެ ހެޑް، ޑރ. މުހައްމަދު ފައިސަލް ވިދާޅުވި ގޮތުގައި މިކޭސްއާ ގުޅިގެން މިކުރެވުނު ތަޖުރިބާއަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އަދި ބޮޑު ކުރިއެރުމެއް ކަމަށެވެ. ފައިސަލް ވިދާޅުވީ މިކަހަލަ ކޭސްތަކުގައި އަސްލު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އާންމުންގެ އިތުބާރާ ޔަގީންކަން ނެތުން ކަމަށެވެ.
"އެންމެ ފުރަތަމަ މި ދެ ކޭސް މިކޮޅަށް ރިފާރ ކުރުމާއި ގުޅިގެން އަޅުގަނޑު ޕޭރެންޓުންނާއި ވާހަކަ ދެއްކިން. އަޅުގަނޑު ޔަގީންކަން ދިނިން އަޅުގަނޑުމެންނަށް މިތަނުގައި ހިދުމަތް ދެވެން އެބަހުރި ކަން މިފަދަ ހާލަތްތަކަށްވެސް ކުރިއަށް ގެންދެވިދާނެކަން. ދެން ހަގީގަތުގައި އަޅުގަނޑަށް އެންމެ ބޮޑު ދަތިކަމަކަށް ދިމާވަނީ ގިނަ ފަހަރަށް ޕޭރެންޓުންގެ ފަރާތުން އެ އިތުބާރާ ޔަގީންކަން ނޯންނާތީވެ. އެހެންނަމަވެސް މިހާލަތުގައި އަޅުގަނޑު ވާހަކަ ދެއްކުމަށްފަހު އަޅުގަނޑު ކިޔަދިނިން ހުރި ޕޮސިބިލިޓީސްތަކާއި ހުރި ރިސްކު ފެކްޓާސްތައް. ދެން އެ ޕޮސިބިލިޓީސްތަކަކީ އަދި މިތަނުން ކަމުގައިވީ ނަމަވެސް އަދި އެހެން ތަނެއް ކަމުގައިވީ ނަމަވެސް އޮންނާނެ ޕޮސިބިލިޓީސްތަކެއްކަން. ދެން އެހާ ޔަގީންކަމެއް ނުދެވޭނެކަން އެކަމަކު އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެކަން އަދި މިތަނުގައި އެހިދުމަތްތައް ދެވެން އެބަހުރިކަން." ކޭއާރުއެޗުގެ ކުޑަކުދިންގެ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރ، މުހައްމަދު ފައިސަލް
ފައިސަލް އިތުރަށް ވިދާޅުވީ ހިދުމަތްތައް ފެށުނުކަމުގައި ވީނަމަވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެއީ ތަޖުރިބާ މަދުވުމުގެ އިތުރުން މަސައްކަތް ކުރަން އޮތް ޓީމު ކުޑަވުން ކަމަށެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުދިންގެ ޑރ. އަހުމަދު ހުސެއިންވެސް ވަނީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ދެ ކުދިން އެހާ އަވަހަށް ނަގަން ޖެހުމުގެ ސަބަބުން މައްސަލަތަކެއްވެސް އެބަހުރި ކަމަށާއި އެކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
އަދި ކޭއާރުއެޗުގައި މަސައްކަތްކުރުމަކީ ލިބޭ ފަހުރެއް ކަމަށާއި ހޮސްޕިޓަލްގެ މެނޭޖްމެންޓަށް އަދި ކުޑަކުދިންގެ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އައިސީޔޫގެ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކުއްޖާގެ ބެލެނިވެރިން ބުނީ ހޮސްޕިޓަލުން ހިދުމަތް ހޯދުމުން ކުރިން އަޑުއެހި ގޮތާ އަދި ހިދުމަތް ލިބުން ގޮތާއި ވަރަށް ތަފާތުކަމަށެވެ.
"އާއްމުކޮށް އަޑުއަހަނީ އެހާ ރަނގަޅެއް ނޫނޭ އެކަމަކު އައިސް ތަޖުރިބާކޮށްލީމަ އިހްސާސް ކުރެވުނު ވަރަށް ރަނގަޅު ހިދުމަތް. ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުމެން ދޭންޖެހޭ ލޯބި އެހެން ބަޔަކު ދީގެން ބެލެހެއްޓީ ވަރަށް ރަނގަޅަށް." ކުއްޖާގެ މަންމަ ބުންޏެވެ.
ނަރުހުންނާއި ޑޮކްޓަރުންނާމެދު ވަރަށް ހިތްހަމަޖެހޭކަން ފާހަގަކޮށް ކުއްޖާގެ ބެލެނިވެރިޔާ ވަނީ ހޮސްޕިޓަލުން ދިން ހިދުމަތް ވަރަށް ރަނގަޅުކަން ފާހަގަކޮށް އެކަމާ އުފާކުރާކަން ހާމަކޮށްފަ އެވެ.