ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ވެސް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނެސް ދިން ލުއިތަކާއެކު ސަރުކާރުން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވުނަސް އެފަރާތްތަކާއެކު ދަތުރުކުރާ ކުޑަކުދިން ކަރަންޓީނުވާން ޖެހޭނެކަމަ ށެވެ.
ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކެއް ހިއްސާކުރުމުން މިހާރު މިވަނީ އެނިންމުމަށް ބަދަލު ގެނެސްފައެވެ. އެގޮތުން ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ވެފައިވާ މީހުންނާ އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމުކުރެއްވި އެންގުމުގައިވަނީ ހާމަކުރައްވާފައެވެ.
މާލެ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރެވޭނީ މާލޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި ނަމައެވެ. ނަމަވެސް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާ 10 ޕަސެންޓާ ދޭތެރޭގައި ހުރިނަމަ މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ހަތް ދުވަހަށްފަހު ރިލީޒް ސާމްޕަލެއް ނަގަން ޖެހެއެވެ.
އޭގެ އިތުރުން 10 ޕަސެންޓަށްވުރެ މަތީގައި ޕޮޒިޓިވިޓީ ރޭޓް ހުރި ނަމަ، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި 14 ދުވަހަށްފަހު ރިލީޒް ސާމްޕަލް ނަގަން ޖެހޭނެއެވެ.
މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ލުއި ދީފައިވާއިރު، ރިސޯޓު މުވައްޒަފުންގެ ތެރެއިންވެސް ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ނަމަވެސް އެގޮތަށް ދަތުރުކުރެވޭނީ މޮނިޓަރިން ހާލަތުގައި ނެތް ރިސޯޓުތަކުންނެވެ. އަދި ރިސޯޓުތަކުން މަހަކު އެއްފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގައި ޓެސްޓް ކުރަންވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.