ކޮވިޑްގެ ނިއު ނޯމަލުގައި ރައީސުލް ޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވަޑައިގަތް ރަށަކަށް ކުޅުދުއްފުށި ސިޓީވުމަކީ ލިބިގެންދިޔަ އުފަލަކާ ޝަރަފެއްކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ،
މިދިޔަ ހުކުރު ދުވަހު ރައީސުލް ޖުމްހޫރިއްޔާއާއެކު ގިނަ ވަޒީރުންނާއި ދައުލަތުގެ އިދާރާތަކުގެ ގިނަ އަދަދެއްގެ އިސްވެރިން ހިމެނޭހެން ބޮޑު ވަފުދެއް ވަނީ ކުޅުދުއްފުށީގެ އިތުރުން ހދ ގެ ދެ ރަށަކަށް ވަޑައިގެންފަ އެވެ.
ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ރައީސްގެ ދަތުރުފުޅުގައި ދައުލަތުގެ ގިނަ ވަޒީރުންނާ ރަށުގެ 2 މަޖިލިސް މެންބަރުން އެމަނިކުފާނާއެކު ވަޑައިގެންނެވުމަކީ މި ދަތުރުފުޅު އިތުރަށް ފުރިހަމަވެ މުސްތަގުބަލުގައި ވުޒާރާތަކާއި ސިޓީ ކައުންސިލްގެ ގުޅުން އިތުރަށް ވަރުގަދަވެ މަސައްކަތްތަކަށް ފަސޭވެގެން ދާނެކަމެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ މިދަތުރުފުޅުގައި ސިޓީ ކައުންސިލާ ބައްދަލު ކުރައްވައި މި ސިޓީއަށް ދިމާވެފައިވާ މައްސަލަތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުވާ އެކަންކަމުގެ ހައްލު ހޯދައި ދެއްވާނެކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
މޭޔަރު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން، މިމަހުގެ ކުރީކޮޅު ސިޓީ ކައުންސިލުން ރައީސްއާއެކު ބޭއްވުނު އޮންލައިން ބައްދަލުވުމުގައި ސިޓީ ކައުންސިލުން އެދުނު ބައެއް ކަންކަން ރައީސް ހަމަޖައްސަވައިދެއްވި ކަމަށެވެ. އެގޮތުން މޭޔަރު ވިދާޅުވީ ރޯޑް ޕްރޮޖެކްޓްގެ ސްކޯޕް ފުޅާކޮށް، ޑީވޯޓަރިންގ ނިޒާމާއި ފަޔަރ ހައިޑްރަންޓް ހިމަނާ ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ކުނި މެނޭޖްކުރުމުގެ އިންތިޒާމް ކައުންސިލާއެކު އެއްބަސްވުމެއްގެ ދަށުން ވެމްކޯ މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ދޭން ލާޒިމުކުރާ ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިވަގުތަށް މުހިންމު ބައެއް މަގާމުތަކަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލްވެސް ހަމަޖައްސައިދެއްވި ކަމަށެވެ.