ކުޅުދުއްފުށީ ސިޓީ ފުލޫ އޯޕީޑީ އަށް ދެއްކި ކުއްޖަކު ކޮވިޑް-19 ޕޮޒިޓިވްވެ، ރަށް މޮނިޓަރިންގއަށް ލުމާ ގުޅިގެން ކާފިއު ހިންގަން ނިންމައިފި އެވެ. ބަލީގެ އަލާމްތައް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކުމުން ޕޮޒިޓިވްވެފައިވާކަން އެންގިފައިވަނީ 13 އަހަރުގެ ކުޑަކުއްޖެކެވެ.
އެގޮތުން ކައުންސިލުން ދެންމެ ބުނީ ކާފިއު ހިންގާނީ ރޭގަނޑު 9:00 ފަތިހު 4:00 އަކަށް ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ މެއިމަހު 26 ވަނަ ދުވަހު އަންގާފަ އެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ރޭގަނޑު 9 އަކުން ފަތިހު 4 އަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
އެކަމަކު އެ އެންގުމުގައި ބުނެފައިވަނީ ބަލި ފެތުރިފައިވާ ހާލަތަށް ބަލައި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމާއި ޕާޓީތަކާއި ހަފްލާތައް އަދި އެކި ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ގޭގައި ޒިޔާރާތްކުރުންވެސް ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.
މިހާލަތުގައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުމަކީވެސް މަނާކަމެކެވެ. އަދި އެއްފަހަރާއި ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުމަކީވެސް މަނާކަމެކެވެ.
ފިހާރަތަކުން ހިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށްވެސް އަންގާފައިވެ އެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުންވެސް ވަނީ ހުއްޓާލަން އަންގާފަ އެވެ.
ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަން ޖެހެ އެވެ. އެކަމަކު ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ކުރިއަށްގެންދެވޭނެ އެވެ.