twitterviber whatsapp telegramfacebookyoutube instagram
4th May 2024

އޭއެފްސީ ކަޕް ބޯމަތިވެފައިވަނިކޮށް ދަގަނޑޭ އީގަލްސްއަށް

މުޙައްމަދު އަހުމަދު
Jul 28, 2021

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) މިދިޔަ ސީޒަނުގައި ރާއްޖޭގެ ކުލަބް ވެލެންސިއާއަށް ކުޅުމަށް ފަހު މިފަހަރުގެ ސީޒަން ފެށުމުގެ ކުރިން އޭއްފްސީ ކަޕް ބޯމަތިވެފައިވަނިކޮށް ކުލަބް އީގަލްސްއަށް ބަދަލުވެއްޖެ އެވެ.

އިއްޔެ ހަވީރު އީގަލްސްގެ ޕްރެކްޓިހުގައި ދަގަނޑޭ ބައިވެރިވެފައިވާއިރު އީގަލްސްއަށް އޭނާ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުޅޭނެ ނުވަވަނަ ކުލަބެވެ. މީގެ ކުރިން ދަގަނޑޭ ކުޅެފައިވާ ކްލަބުތަކަކީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް، ގްރީންސްޓްރީޓްސްގެ އިތުރުން ރާއްޖޭން ބޭރުގެ ކުލަބްތަކަށް ވެސް ދަގަނޑޭ ވަނީ ކުޅެފައި އެވެ. އެއީ ބުރުނާއީގެ ޑީޕީއެމްއެމް އާއި މެލޭޝިއާގެ ޕީޑީއާރްއެމް އެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީއާ މި ފެށޭ އޮގަސްޓް މަހު 15 ވަނަ ދުވަހު މާލޭގައި އީގަލްސް ކުޅެން އޮތް މެޗުގެ ކުރިން ޓީމު ވަރުގަދަކުރަން އެޓީމުން ވަނީ ބައެއް ކުޅުންތެރިން ގެނެސްފަ އެވެ. އެގޮތުން ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސާ (މެސީ) ހިމެނެ އެވެ.

ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށް ޕްލޭއޮފާ ހަމައަށް އީގަލްސް ދަތުރުކުރީ ކޮލިފައިންގެ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު ތަކުރާރުކޮށް އޭއެފްސީން ފުރުސަތު ދިނުމުންވެސް އެމީހުންނަށް ނުކުޅެވުމުން އޭއެފްސީން އެޓީމު މުބާރާތުން ވަކިވެފައިވާ ކަމަށް ނިންމުމުންނެވެ.

މާލޭގައި ބެންގަލޫރާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އީގަލްސްގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅެން މިއޮތް މެޗު މެނޭޖުމެންޓުން ދެކެނީކީ ހަމައެކަނި އީގަލްސްގެ މެޗެއްގެ ގޮތުގައެއް ނޫންކަމަށް ކަމަށާއި މިއީ ރާއްޖޭގެ ފުޓްބޯޅައާ ގުޅިފައި އޮތް މެޗެއް ކަމަށެވެ. އަދި އެހެންކަމަށްވުމުން ނެރެވެން އޮތް އެންމެ ވަރުގަދަ ސްކޮޑެއް ނެރެގެން މެޗު ކާމިޔާބު ކުރުން އެއީ އީގަލްސްގެ ވިސްނުން ކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ބެންގަލޫރަކީ ވެސް ތަޖުރިބާކާރު މޮޅު ޓީމެއް ކަމަށެވެ.

ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖްގެ ޖާގަ މިހާތަނަށް ހޯދާފައިވަނީ ރާއްޖޭގެ މާޒިޔާ، ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާ އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355