twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ކޮވިޑް ޖެހުނު ކުއްޖަކު ހާލު ދެރަވެ ފުނަދޫއަށް ބަދަލުކުރަނީ

މުޙައްމަދު އަހުމަދު
Aug 5, 2021
2

ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 އަހަރުގެ ކުއްޖަކު ހާލު ދެރަވެ ށ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ހާމަކޮށްފި އެވެ. ކޭއާރުއެޗުން ބުނީ އެ ކުއްޖާ ފެސި؛ލިޓީއަށް މިއަދު ހަވީރުގެ ވަގުތެއްގައި ފޮނުވާލެވޭނެ ކަމަށެވެ.

ޖުލައި މަހުގެ 29 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިކުއްޖާ ޕޮޒިޓިވްވެފައިވާއިރު މި ކުއްޖާއަކީ ހައި ރިސްކު ޕޭޝަންޓެކެވެ. 13 އަހަރުގެ މި އަންހެން ކުއްޖާ އަކީ ކުރިން ޕޮޒިޓިވްވި ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

ކޭއާރުއެޗުގެ ކްލިނިކަލް ސާވިސަސްގެ ހެޑް އަދި އެތެރެ ހަށީގެ ހާއްސަ ޑރ. މުހައްމަދު ނަޒީފް ކޭއޯއަށް ވިދާޅުވީ އެ ކުއްޖާގެ ފަރާތުން ހުން އައުމާއި ނޭވާއަށް އުދަނގޫވުން ފަދަ އަލާމާތްތައް ފެންނަމުދާ ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އެކުއްޖާ ށ. ފުނަދޫ ފެސިލިޓީއަށް ފޮނުވާލާނެކަމަށްވެސް ނަޒީފު ވިދާޅުވި އެވެ.

ޑރ. ނަޒީފު ވިދާޅުވީ 60 މީހުން މިވަގުތު ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ހައި ރިސްކު އެކި އުމުރުގެ ފަރާތްތައް ހިމެނޭ ކަމަށާއި ދާއިމީ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކުގެ އިތުރަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ހައި ރިސްކު މީހުން ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ޑރ ނަޒީފުވެސް ވަނީ ރީޖަނަލް ހޮސްޕިޓަލެއް ހުންނަ ރަށެއްގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރެވިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެތައް ބަޔަކު ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައި ހައި ރިސްކު މީހުންނަށް ވެސް އަދި ހާލު ދެރަވާ މީހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ކެޕޭސިޓީއެއް މިވަގުތު ނެތްކަން ފާހަގަކުރައްވާފަ އެވެ.

މިހާތަނަށް 60 މީހުން ޕޮޒިޓިވްވެފައވާއިރު އޭގެތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ޕޮޒިޓިވްވި 46 ކޭސްއަކާ ފުރަބަންދުގައި ތިބި 3 މީހެއްގެ އިތުރަށް ފުލޫ އޯޕީޑީއަށް އަލާމާތްތައް ހުރެގެން ދެއްކި 8 މީހަކު ހިމެނެ އެވެ. އަދި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 3 ސާމްޕަލެއް ވަނީ ޕޮޒިޓީވްވެފަ އެވެ.

ޖުމްލަ 974 ސާމްޕަލެއް ކުޅުދުއްފުށިން ނަގާފައިވާއިރު ރޭންޑަމް ސާމްޕަލްތަކުގެ ގޮތުގައި އެކަނިވެސް 547 ސާމްޕަލެއް ވަނީ ނެގިފަ އެވެ. ފުލޫ އޯޕީޑިއިން 78 ސާމްޕަލެއް ނަގާފައިވާއިރު ފުރަބަންދުގައިވާ މީހުންގެ ތެރެއިން ވެސް ވަނީ 52 ސާމްޕަލެއް ނެގިފައިވެ އެވެ. މިވަގުތު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 69 ގެއެއް މޮނީޓަރިންއަށްލާފައިވާއިރު 14 ގެއަކުން ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ ޕޮޒިޓިވްވާ ގިނަ މީހުންގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެންނަ ކަމަށާއި ބަލިވާކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ. އަދި މިވަގުތު ވެންޓިލޭޓަރުގައި އެއްވެސް މީހަކަށް ފަރުވާދެމުންނުދާ ކަމަށް އަހުމަދު ވިދާޅުވި އެވެ. ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ ވެސް ހާލު ދެރަވި 13 އަހަރުގެ ކުއްޖާއަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭންޑަމް ސާމްޕަލްތައް ވެސް ޕޮޒިޓިވްވަމުންދާ މި ހައްސާސް ދަނޑިވަޅުގައި ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އަދި ރަށުގެ އެއް ސަރަހައްދަކުން ކޭސްތައް ފެންނައިރު ގިނައިން ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނަމަވެސް ރަށުގައި މޫވްމަންޓް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެގޮތުން ރަށުގެ ކޮންމެ ހިސާބެއްގައި ވެސް ބަލި ހުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީހާވެސް ކޮންޓެކްޓް ބަބްލް ކުޑަކޮށް މާސްކު އެޅުމާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ސާފުތާހިރުކަމަށް ވެސް ސަމާލުކަން ދިނުމަށް އަހުމަދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. ހޮޓާ ރެސްޓޯރެންޓްތަކަށް ވެސް އެއްވެ ނޫޅުމަށާއި.

ކޮވިޑް ހާލަތު ކޮންޓްރޯލްކުރުމަށް ރަށުގެ ދަރުމަވެރިންނާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު ކަމަށާއި އެއްބާރުލުން ލިބޭ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި އެންމެ މުހިއްމު އެއްކަމަކީ މާސްކު އެޅުންކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަހުމަދު ވިދާޅުވީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވީހާވެސް ބުރަނުވާނެ ގޮތަކަށް ރާވައިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އިތުރަށް ފިޔަވަޅުތައް ހަރުކަށިނުކޮށް ރަށުގެ ކޮވިޑް ހާލަތު ކޮންޓްރޯލްކުރުން ވެކްސިނޭޝަން މެދުވެރިކޮށް ޕުލޭންކޮށްގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޕޮޒިޓިވްވާ އަދަދު އިތުރުވެ ހާލަތު ބަދަލުވާ ނަމަ، ހާލަތަށް ބަލާފައި ފިޔަވަޅުތައް ހަރުކަށި ކުރުން އެކަށީގެންވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355