ކޮވިޑް-19 ވެކްސިން ޖެހޭ އުމުރުގެ މީހުން ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު ނިމުމުން ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ގޮތަށް އަމަލުކުރަން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށެވެ.
ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ފުރިހަމަނުވާ އަދި ބަލި އުޅޭ ރަށްރަަށުން ދަތުރުކުރާ ފަރާތްތައް ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ކަރަންޓީނު ވާންޖެހޭނެކަމަށެވެ.
ނަމަވެސް ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް ވެކްސިން ނުޖަހާ ފަރާތްތަކުން ސެޕްޓެމްބަރު 1 އިން ފެށިގެން ނަގަންޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް އެގޮތަށް ފައިސާ ނަގަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި އެޗްއީއޯސީއިން ގިނަ އަދަދެއްގެ ލުއިތަކެއް އިއުލާނުކޮށްފައެވެ.
އެގޮތުން މާލޭ ސަރަހައްދުގައި އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ އަދި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ.
ހަމައެއާއެކު ރެސްޓޯރަންޓްތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިންމިކަންވެސް މިއަދުވަނީ އިއުލާނުކޮށްފައެވެ.