ހދ. ނޮޅިވަރަމްފަރުގައި ކޮވިޑް-19 ފެތުރެމުން ދަނިކޮށް، އެރަށުގެ ޓާސްކްފޯސް އަދި ކައުންސިލަށް އެނގުމަކާނުލާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގގެ ހާލަތުން ނަގައިފި އެވެ.
އެޗްޕީއޭން އެރަށް މޮނިޓަރިންގއިން ނެގީ މިއަދު މެންދުރުފަހު 03:00 ޖަހާ އިރު އެވެ.
ނޮޅިވަރަމްފަރު ޓާސްކްފޯސްގެ މެމްބަރަކު ކޭއޯއަށް މިރޭ ވިދާޅުވީ ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ ރަށުގައި ކޮވިޑް ފެތުރެމުން ދަނިކޮށް ކައުންސިލްއަށް އަދި ޓާސްކްފޯސްއަށްވެސް އެގުމަކާއިނުލާ އެޗްޕީއޭއިން އެރަށް މޮނިޓަރިންގއިން ނަގާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ބަލި ފެތުރެމުން ދަނިކޮށް ކައުންސިލް އަށްވެސް ނޭނގި ރަށް ހުޅުވާލުމުން ބައްޔަށް އެތައް ބަޔަކު ހުށަހެޅިފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އިއްޔެވެސް އެރަށުން 12 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 2 ސާމްޕަލަކީ ރެންޑަމް ސާމްޕަލް ކަމަށެވެ. މިއާއި އެކު އެރަށުގެ އެކްޓިވްކޭހުގެ އަދަދު މިވަނީ 22 އަށް އަރާފަ އެވެ.
ނޮޅިވަރަމްފަރު މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. އެ ރަށް މޮނިޓަރިންނަށްލީ އެ އަތޮޅު ނޮޅިވަރަމް ކޮވިޑް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ނޮޅިވަރަމްފަރުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ނޮޅިވަރަންފަރުގެ ހާލަތު ގޯސްވާން ފެށުމުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ކައުންސިލުން ވަނީ ވަރުގަދަ ކޮށްފައެވެ. މިގޮތުން ރަށުގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އަށް ވިޔަފާރިކުރާ ތަންތަން ބަނދުކޮށްފައި ބެހެއްޓުމަށް ނިންމާފައވާއިރު، ކެފޭ ރެސްޓޯރެންޓްތަކުން ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް ޑެލިވަރީގެ ޚިދުމަތް އެކަނި ދިނުމަށް ވަނ ގަނީ އަންގާފައެވެ.
މީގެއިތުރުން ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި، އެޗްޕީއޭއާއި އެ ރަށުގެ ކޯވިޑް ޓާސްކްފޯސްއިން އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށާއި އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަންގައި، އަދި ގިނަބަޔަކު އެއްވެގެން ރާވާހިންގާ ކަންކަން ކުރިއަށް ނުގެންދިޔުމަށް ވެސް އަންގާފައެވެ.