ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ހދ ނޮޅިވަރަމަށް އެއަތޮޅު ކުޅުދުއްފުށިން 5 ޓަނަށްވުރެގިނަ ކާބޯތަކެތީގެ އެހީ ފޮނުވައިފި އެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން، އަވަށްޓެރި ނޮޅިވަރަމަށް ތަކެތި ހަދިޔާކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކުން ފޯރުކޮށްދިން ތަކެއްޗެއްވެ އެވެ.
ކޮވިޑުން ނޮޅިވަރަމްގެ ހާލަތު ގޯސްވެފައިވާތީ އެރަށަށް އެހީވުމުގެ ގޮތުން ވަކި ބާވަތްތަކެއްގެ ތަކެތި ހަދިޔާކުރުމަށް ހުޅުވާލީ އިއްޔެ މެންދުރުފަހު އެވެ. ނޮޅިވަރަން ކައުންސިލްގެ ލަފާގެ މަތިން މިބާވަތްތައް ކަނޑައަޅާފައިވަނީ ނޮޅިވަރަމަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ބާވަތްތަކަށް އިސްކަން ދިނުމުގެ ގޮތުންކަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށްދިޔަ މި ހަރަކާތުގައި ކުޅުދުއްފުށިން ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފަ އެވެ. އެކަން ސިޓީ ކައުންސިލުން ފާހަގަކޮށް ކުޅުދުއްފުށީގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި މުވައްސަސާތަކަށް ޝުކުރުއަދާކުރި އެވެ.
ނޮޅިވަރަމަށް އެހީވުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ގާތްގަނޑަކަށް ފަސް ޓަނަށްވުރެ ގިނަ ކާބޯތަކެތި އެއްކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ މިހަރަކާތުގައި ރައްޔިތުންގެ އިތުރުން ކުޅުދުއްފުށީގައި ގިނަ ވިޔަފާރިތަކަކުންނާއި މުވައްސަސާ ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެރަށަށް ހަދިޔާކުރި ކާބޯތަކެތީގެ ތެރޭގައި 471 އައިޓަމެއް ހިމެނޭއިރު ފެނާއި ނޫޑްލްސް އަދި ކާޑުގެ ބާވަތްތަކާއި ދަޅުކާނާ ހިމެނެ އެވެ. މިތަކެތި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނޮޅިވަރަމަށް ގެންގޮސް ބަނދަރަށް ބާލާދީފަ އެވެ. އެ މަސައްކަތުގައި ޕަބުލިކް ވޯކްސް މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން އަދި މިތުރު ޓްރާސްޕޯޓްގެ މުވައްޒަފުން ހަރަކާތްތެރިވި އެވެ.
މިތަކެތި ނޮޅިވަރަމަށް ގެންގޮސްދިނުމުގައި މިތުރު ޓްރާސްޕޯޓުން ފޯރުކޮށްދިން އެހީތެރިކަމާއި ދިން އެއްބާރުލުން ފާހަގަކޮށް ސިޓީ ކައުންސިލްގެ ނަމުގައި ޑެޕިއުޓީ މޭޔަރ ޝުކުރުއަދާކުރެއްވި އެވެ. އަދި ތަކެތި ބޯޓަށް އަރުވާ ނޮޅިވަރަމު ބަނދަރަށް ބޭލުމުގައި ޕަބުލިކް ވޯކްސް މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށީގެ ދެ ވިޔަފާރީއަކުން ނޮޅިވަރަމަށް ވަނީ 1.2 ޓަނުގެ ރޯމަސް ހަދިޔާކޮށްފަ އެވެ. މަސް ހަދިޔާކޮށްފައިވަނީ އެޑްމޭން އަދި ފަރިރީތި ފިހާރައިންނެވެ.
ނޮޅިވަރަމުގައި ކޮވިޑް ބަލި ފެތުރިފައިވާއިރު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 200 އިން މަތިވެފަ އެވެ.
އެޑިޓަރުގެ ނޯޓް: ހަބަރު ޖެހި ފަހުން ބަދަލުކުރެވިފައި