އެމްޓީސީސީން ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭ ގޮތް ހެދުމަށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ހަދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަކާޑާ އެކު އެ ކުންފުނިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. މި ރަސްމިއްޔާތުގައި މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވެސް ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް ޕޭމަންޓު ސިސްޓަމަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ ސިސްޓަމެކެވެ. މިއީ މާސްޓަކާޑުގެ "ސްމާޓް ސިޓީސް" ޕްރޮޖެކްޓުގެ ދަށުން ދަތުރުފަތުރު ކުރުމުގައި ލުއިގޮތްތައް ހޯދައިދިނުމަށް ގާއިމްކުރާ ސިސްޓަމެކެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންޓެކްޓްލެސް ޕޭމަންޓް ސިސްޓަމްތަކުގެ މުހިންމުކަން މިދިޔަ އަހަރު ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަވާ ކަންކަމުގައި އިންވެސްޓު ކުރުމަކީ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ސިސްޓަމާއެކު ބޭންކުގެ ޑިޖިޓަލް ކާޑާއި މޯބައިލް ޕޭމަންޓް މެދުވެރިކޮށް ދަތުރުފަތުރުގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާ އެކު އާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ އެހީގައި ތައާރަފު ކުރާ ޕޭމަންޓް ސިސްޓަމްގެ ސަބަބުން ހިދުމަތް ދޭ ފަރާތުގެ ހަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ނޮވްމެބަރު މަހުގަ އެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް ކޭޝްކާޑުން ފައިސާ ދެއްކޭއިރު އެހެން ފަސިންޖަރުންނަށް، މާސްޓަކާޑާއި އެމްޓީސީސީ ގުޅިގެން ތައާރަފު ކުރާ ދަތުރު ކާޑެއް ލިބޭނެ އެވެ. އެހެން ބޭންކުތަކުގެ ކަސްޓަމަރުންނަށް މި ހިދުމަތް ތައާރަފު ކުރާނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.