twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަނި ތަފާތަކުން ލަންކާގެ މައްޗަށް ކުރިހޯދާ ބަންގްލަދޭޝްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަހުމަދު
Oct 1, 2021

މިއަދު ފެށުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހަނި ތަފާތަކުން ސްރީލަންކާގެ މައްޗަށް ކުރިހޯދާ ބަންގްލަދޭޝްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ރާއްޖޭގެ ގަލޮޅު ދަނޑުގައި މިއަދު ކުރިއަށް ދިޔަ މެޗުގައި ބަންގްލަދޭޝްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނެޓު ލިބުނު ޕެނަލްޓީއަކުން ޓޮޕޫ ބާމަން އެވެ.

ބަންގްލަދޭޝްއަށް ފުރަތަމަ ހާފުވެސް ލަނޑުޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޔާސިން އަރަފާތު ދިން ބޯޅަ ޓޮޕޫ ބާމަން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ އެހަމަލާ ދިފާއުކޮށްފަ އެވެ.

މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ބަންގްލަދޭޝްއިން ކުޅުނު ނަމަވެސް އެޓީމަށް ލަންކާ ކޮޅަށް މާ ގިނަ ލަނޑު ޖެހޭ ގޮތެއް ނުވި އެވެ. މުޅި މެޗުގައި ބަންގްލަދޭޝްއިން 20 ޝޮޓް ފޮނުވާލާފައިވީ ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ 4 ހަމަލާ އެވެ.

ސްރީ ލަންކާގެ ޑަކްސަން ޕުސްލަސްއަށް މިމެޗުގައި ރަތްކާޑު ދެއްކުމުން ލަންކާއިން ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ދެވަނަ ހާފުގެ ބޮޑުބައެއް އެއްކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ލަންކާއަށް އިތުރު އުދަނގޫތަކެއް ކުރިމަތިވި އެވެ. އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެޓީމުގެ އަހްމަދު ވަސީމް ރަޒީކް އަށް ލިބުނު ފުރުސަތެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ކީފަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މިމުބާރާތުގައި މިރޭވެސް މެޗެއް ކުޅެން ހަމަޖެހިފައި އެބައޮތެވެ. އެމެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރާއްޖެއާއި ނޭޕާލެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355