ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެއްބާރުލުން ހޯދައި، އެ މުބާރާތް "ފީފާ ސާފް ކަޕް" ގެ ނަމަށް ބަދަލުކުރުމުގެ ހާއްސަ ރޭވުމެއް އެބައޮތް ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކްރެޓަރީ ޕްރުޝޮތަމް ކަޓޭލް ހާމަކުރައްވައިފި އެވެ.
މި އަހަރުގެ ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކަޓޭލް ވިދާޅުވީ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މީގެއިތުރުން، މުބާރާތަށް މުޅިން އަލަށް ތައްޔާރުކުރާ ހާއްސަ ތަށި އަންނަ މަހު ދައްކާލާނެ ކަމަށާއި، މުބާރާތުގެ ފެންވަރު އިތުރަށް މަތީ ދަރަޖައަކަށް އުފުލުމަށް ގިނަ ރޭވުންތަކެއް ރޭވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ވީއޭއާރްގެ ހިދުމަތް ދިނުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ވަޒަންކުރުންތައް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން ކަޓޭލް ވިދާޅުވީ، މި ބަދަލާއެކު މުބާރާތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. "އަހަރެމެން މިދަނީ ފީފާއާއެކު މަޝްވަރާތަކެއް ކުރަމުން. ރަސްމީކޮށް އެއްބަސްވުމަކަށް ނުދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސާފް ޗެމްޕިއަންޝިޕް 'ފީފާ ސާފް ކަޕް' އަށް ބަދަލުވެގެންދިއުމުގެ ފުރުސަތު އެބައޮތް،" ކަޓޭލް ވިދާޅުވި އެވެ.
މިއީ ދާދިފަހުން ދެކުނު ކުރެން އޭޝިއާ ސަރަހައްދުގެ "އާސިއާން ކަޕް" ފީފާގެ އެހީތެރިކަމާއެކު "ފީފާ އޭސިއާން ކަޕް" އަށް ބަދަލުކުރުމަށް ނިންމި ނިންމުމާ އެއްގޮތް ރޭވުމެކެވެ. ފީފާގެ ބައިވެރިވުމާއެކު މުބާރާތް ކުރިއަށްދާނަމަ، އާސިއާން ކަޕެކޭ އެއްފަދައިން ބޮޑު ބަޖެޓެއް ސާފަށްވެސް ލިބިގެންދާނެ އެވެ. އެގޮތުން އަންނަ މަހު ފަހުކޮޅު އަންނަ ފީފާ ބްރޭކްގައި ފަށާ ފީފާ އާސިއާން ކަޕްގައި ވާދަކުރާ ކޮންމެ ގައުމަކަށް 125،000 ޑޮލަރުގެ ބޯނަހެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް އެކެއް މިލިއަން ޑޮލަރު، އަދި ޗެލެންޖް ޑިވިޝަންގެ ޗެމްޕިއަނަށް 300،000 ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ކުރިން ބޭއްވުނު ސާފް މުބާރާތްތަކުގައި ޗެމްޕިއަން ޓީމަށް 50،000 ޑޮލަރު އަދި ދެވަނައަށް ދާ ޓީމަށް 25،000 ޑޮލަރު ދީފައިވާއިރު، ކަޓޭލް ވިދާޅުވީ މިފަހަރުގެ މުބާރާތުގެ އިނާމީ ފައިސާއާއި މެޗުތައް ތަރުތީބުވެގެންދާ ގޮތުގެ ތާވަލު އަންނަ ހަފްތާގެ ތެރޭގައި އާންމުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިފަހަރުގެ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ގެ ގުރުއަތުލުން ކުރިއަށްދިޔައިރު ނޭޕާލްގެ ނަން ރަސްމީކޮށް ހިމަނާފައެއް ނުވެ އެވެ. މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނެނީ މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން ބޫޓާން އަދި ސްރީ ލަންކާއެވެ. ގްރޫޕް 'ބީ' ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ، ޕާކިސްތާން އަދި ދިވެހިރާއްޖެ އެވެ.
މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ނޭޕާލަށް ފުރުސަތު ގެއްލިފައިވީ ނަމަވެސް، މުބާރާތުގައި ބައިވެރިވުމުގެ ދޮރު އެއްކޮށް ބަންދެއް ނުވެ އެވެ. ފީފާއިން ނޭޕާލް ސަސްޕެންޑްކުރިތާ ދެ މަހެއްހާ ދުވަސް ވެފައިވާއިރު، ސެޕްޓެމްބަރު 30 ގެ ކުރިން އެ ގައުމުގެ ސަސްޕެންޝަން އުވާލައިފިނަމަ، ގްރޫޕް 'އޭ' އިން ނޭޕާލަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަސްޕެންޝަނުން މިނިވަންނުވެވިއްޖެނަމަ، ނޭޕާލަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ކަޓޭލް ވަނީ ސާފުކޮށް ވިދާޅުވެފަ އެވެ.