twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފުރަތަމަ މެޗު ގެއްލިގެން ދިއުމަކީ ޕްރެޝަރެއް: ސުޒޭން

މުޙައްމަދު އަހުމަދު
Oct 2, 2021

ސާފް ޗެމްޕިއަންޝިޕުގައި ރޭ ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވުމުން އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެއްޖެ ކަމަށާއި ނަމަވެސް އެކަމުން އަދި އަރައިގަނެވޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސުޒޭން ބުނީ ފުރަތަމަ ތިން ޕޮއިންޓް ގެއްލިގެން ދިއުމަކީ ހަމަ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދާނެ ސަބަބެއްކަމަށާއި އެހެންވުމުން މިހާރު މި އޮތީ އަލުން ފަށައިގަނެގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިކަމަށް ވެސް އޭނާ ބުންޏެވެ.

މެޗު ފެށިއިރު އޮތް ހާލަތަށް ވުރެ އުނދަގޫ ހާލަތަކަށް ގޮސްފައިވާކަން ފާހަގަކޮށް ސުޒޭން އިތުރަށް ބުނީ އެހެންވުމުން އެ ޕްރެޝާ ކުޅުންތެރިން ވެސް ކޮންމެވެސް ވަރަކަށް ނަގަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ޕްރެޝަރަށް ގޮސްގެން ކުޅުންތެރިންގެ ކުޅުމަށް އަސަރުކުރާ ވަރު ހާލަތެއް އިރާދަކުރެއްވިއްޔާ ނާންނާނެ ކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގެ 86 ވަނަ މިނިޓުގައި ނޭޕާލްގެ މާނިޝް ޑަންގީ ކައުންޓާ އަޓޭކެއްގައި ހޯދި ފުރުސަތަކުން ލަނޑުޖެހީ ރާއްޖޭގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެވެ. މިލަނޑާއެކު ނޭޕާލުން މެޗު ކާމިޔާބުކުރިއިރު މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރާއްޖެ ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހަތް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ސްރީލަންކާ އަތުން ބަންގްލަދޭޝް 1-0 އިން ވަނީ މޮޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355