twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީޗް ވޮލީބޯޅަ ކުރިއަރުވަން އެފްއައިވީބީން އެއްބަސްވެއްޖެ

ނަބީލާ އިސްމާޢީލް
Oct 13, 2021

ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއެރުވުމަށް އެފްއައިވީބީއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެރޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި އެފްއައިވީބީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބްރެޒިލުގެ އަރީ ގްރާސާއެވެ. އަދި ވީއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރަނޭޝްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އުފާވެރި ދަތުރުފުޅެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ހިތްގައިމުކަން އަމިއްލަ ލޮލުން ދެކިލުމަށް އެދޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާތަނަށް ދަތުރު ކުރެވިފައިވާއިރު، ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބީޗް ވޮލީބޯޅައަށް ފައްކާވެފައިވާ ގައުމެއް ކަމަށްވެސް ގްރާސާ ވިދާޅުވިއެވެ.

ގްރާސާ ވިދާޅުވީ ވޮލީބޯޅަ ކުރިއެރުވޭނީ ހުރިހާ ގައުމަކަށްވެސް އެއްވަރަކަށް ފުރުސަތުތައް ތަނަވަސްކޮށްދީގެން ކަމަށާއި، ކުޅިވަރަކީ ހަމައެކަނި ފައިސާ ޚަރަދުކޮށްގެން ކުރިއަރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިޔަށްއޮތް ތަނުގައި ރާއްޖޭގައި އެފްއައިވީބީގެ ވޮލީ މުބާރާތްތައް ބާއްވާނެކަމުގެ ޔަގީންކަންދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީޗް ވޮލީބޯޅައަކީ ސްޕޯޓްސް ޓުއަރިޒަމެއްގެ ގޮތުގައި ކުރިއެރުވޭނެ ކުޅިވަރެއް ކަން ފާހަގަކުރަމުން ގްރާސާ ވިދާޅުވީ ރާއްޖެއަކީ ވޮލީ ކުރިއެރުވުމުގައި ލާމަސީލު ބައެއް ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބީޗް ވޮލީބޯޅައަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަވެގެންދާނެ ކުޅިވަރެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ސަރުކާރުން ވޮލީބޯޅައިގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355