މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުުދުއްފުށީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ކައުންސިލުން ދަނީ އެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން މިއަދު ހަވީރު ބޭއްވި ޓްރައިއެތްލަންގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޝަރީފް ސްޕޯޓްސްއިންނެވެ.
ފިރިހެން ކެޓަގަރީން 7 ޓީމު ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ 14 މިނެޓު 27 ސިކުންތުން ނިންމި ޝަރީފް ސްޕޯޓްސްއިންނެވެ. މިކެޓަގަރީގެ ދެވަނައަށް ދިޔައީ ނިއު އޭޖް އެސްސީ އެވެ. އެޓީމު ރޭސް ނިންމީ 15 މިނެޓު 20 ސިކުންތުންނެވެ. ތިންވަނައަށް ދިޔައީ 16 މިނެޓުން ނިންމި ސީލް އެވެ.
ވަނަވަނައަށް ދިޔަ ހުރިހާ ކުޅުންތެރިންނަށް މެޑަލް ހަވާލުކުރިއިރު ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދިނީ ކޭއާރުއެޗްގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ދާއޫދެވެ. ދެވަނަ އަދި ތިންވަނަ ޓީމަށް މެޑަލް ހަވާލުކޮށްދިނީ ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރު އަހްމަދު އަބްދުﷲ އެވެ.
އަންހެން ކެޓަގަރީން ވާދަކުރީ 3 ޓީމެވެ. މިކެޓަގަރީގެ ޗެމްޕިއަންކަން ޝަރީފް ސްޕޯޓްސްއިން ހޯދީ 19 މިނެޓާއި 44 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރަނަރަޕްކަން ހޯދީ ބީޓް އެވެ. ބީޓްއިން އިވެންޓް ނިންމީ 24 މިނެޓު 59 ސިކުންތުންނެވެ.
އަންހެން ބައިގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދިނީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ޔޫތް އެގްޒެކެޓިވް ރިފްގާ ސިޔާމް އަދި ރަނަރަޕް ޓީމަށް މެޑަލް ހަވާލުކޮށްދިނީ ޔޫތް އެގްޒެކެޓިވް ޝައުފާ އިބްރާހިމް ހިލްމީ އެވެ.