އުޖާލާ މުސްތަގުބަލެއް ހޯދުމަށް ކުރާ މަސައްކަތުގައި ހަގީގީ ހަކަތައަކީ ޒުވާނުން ކަމަށާއި ޒުވާނުން ބޭނުންވާ ގޮތަށް، ޒުވާނުންގެ ބަސް އޮވެގެން ތަރައްގީގެ ކަންކަން ނިންމުމަކީ މުހިންމުކަމެއްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އެންމެ ޝާމިލްވާ މުޖުތަމައުއެއް ބިނާކުރެވޭނީ ޒުވާނުންގެ އީޖާދީ ހިޔާލުތަކާއެކު ކަމަށެވެ.
މޭޔަރު ވިދާޅުވީ، އެހެންނަމަވެސް ރަށުގެ ތަރައްގީއަށް ބައްޓަންކުރުމުގައި ޒުވާނުންގެ ހިޔާލާއި އީޖާދީ ވިސްނުން އެންމެ އެދެވޭގޮތުގައި ކައުންސިލަށް ލިބެމުންނުދާ ކަމަށެވެ.
"ޒުވާނުން ބޭނުންވާ ގޮތަށް ގައުމު ބައްޓަންކުރުމަށްޓަކާ ނުވަތަ ރަށުގެ ތަރައްގީ ބައްޓަން ކުރުމަށްޓަކާ ޒުވާނުން މިހާރަށްވުރެ ބޮޑަށް ތަރައްގީގަ ޝާމިލްވާށޭ. އަޅުގަނޑުމެންނަށް އެންމެ އެދެވޭ މިންވަރަކަށް ހަގީގަތުގައި ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ބަސް ބުނާ ތަނެއް ނުއެއްފެނޭ." ނައިބު ރައީސް ފައިސަލް ނަސީމްވެސް އިންނެވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެންނަ ހަގީގަތަކީ ކައުންސިލްގެ އާންމު ބައްދަލުވުންތަކާއި އެހެނިހެން ކަންކަމުގައި ޒުވާނުން ބައިވެރިވާ އަދަދު މަދުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މިއީ މިއަދު ބަދަލުކުރަން ޖެހޭ ކަމެއްކަމަށެވެ.
"މިއަދު އަޅުގަނޑު ޒުވާނުން ކިބައިން އެދޭ އެދުމަކީ ޕޮލިސީ މޭކާސްއަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޒުވާނުންގެ ކަންބޮޑުވުންތައް ގެނެސްދެއްވާށޭ." މޭޔަރު ވިދާޅުވި އެވެ.
ރަށުގެ ތަރައްގީގައި ޒުވާނުންގެ ހިޔާލު ބޭނުންވާ ކަމަށާއި އޭރުން ރަށުގެ މުސްތަގުބަލު އުޖާލާކުރެވޭނެ ކަމަށެވެ.
"ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ކުޅުދުއްފުށީގައި މިހާރު ޒުވާނުންގެ ހުނަރަށް ބޭނުންވެފައި އޮތް މިންވަރު ބޮޑުކަން އަދި ޒުވާނުންގެ ހުނަރު އިތުރުކުރުމަށްޓަކާ އަޅުގަނޑުމެން ސިޓީ ކައުންސިލުންވެސް ގިނަގުނަ މަސައްކަތްތަކެއްވެސް މިއަހަރުގެ މަސައްކަތުގެ ތާވަލްއަށްވެސް ލާފައިވާނެކަން އަދި މުސްތަގުބަލްގައި އޭގެ އިތުރުން ސޮޕްޓް ސްކިލްއާއި އަދި މަސައްކަތްތެރިން އުފެއްދުމަށް މިކަންކަމުގައި އިތުރު ޕްރޮގުރާމްތައް އަޅުގަނޑުމެން ކުރިއަށްގެންދާންނަށް." މޭޔަރު ވިދާޅުވި އެވެ.