twitterviber whatsapp telegramfacebookyoutube instagram
30th May 2025

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކާމިޔާބުކަމާއެކު ހޯސްޓްކުރާނެކަމުގެ ޔަގީންކަން މޭޔަރު ދެއްވައިފި

"އަޅުގަނޑު ވަޒީރަށްވެސް އަރުވާ ޔަގީންކަމަކީ މި މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކުޅުދުއްފުށީގައި މިއަހަރު ހޯސްޓްވެގެންދާނެކަމުގައި" މޭޔަރު އާތިފް

އަބްދުލް ވާހިދު ޙަސަން
May 29, 2025

މިއަހަރު ސެޕްޓެމްބަރުމަހު ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ހޯސްޓްވެގެންދާނެކަމުގެ ޔަގީންކަން މޭޔަރު މުހައްމަދު އާތިފް، ސްޕޯޓް މިނިސްޓަރު އަބުދުﷲ ރާފިއުއަށް ދެއްވައިފި އެވެ.

ތިލަދުންމަތީ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ބޮޑެތި މުބާރާތްތަކާއި އިވެންޓްތައް ބާއްވަން ކުޅުދުއްފުށި އޮތީ ފައްކާވެފައިކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ މިހާރު މިފަދަ ބޮޑެތި އިވެންޓްތައް ފަރިތަކާމާއެކު ހިންގައި ފަރިތަ ރައްޔިތަކު ތިބި ރަށެއް ކަމުގައި މޭޔަރު ވިދާޅުވި އެވެ.

ސެޕްޓެމްބަރުމަހު ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މުބާރާތް ވެގެންދާނީ ރާއްޖެއަށް އެފަދަ މުބާރާތްތައް ހޯސްޓްކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ މުބާރާތްތަކަށެވެ.

"އަޅުގަނޑު އެހެން މިދަންނަވާ ސަބަބަކީ އަޅުގަނޑަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކައުންސިލް މެންބަރުންނަށާއި އަދި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި މުޅި ކުޅުދުއްފުށީގެ ރައްޔިތުން މިފަދަ މުބާރާތްތަކަށް މިހާރު ދޮންވެ ފައްކާވެ ފަރިތަވެފަ ތިބިކަން." މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވަޒީރަށްވެސް އަރުވާ ޔަގީންކަމަކީ މި މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކުޅުދުއްފުށީގައި މިއަހަރު ހޯސްޓްވެގެންދާނެ" މިނިސްޓަރުވެސް އިންނެވި އެ ޖަލްސާގައި މޭޔަރު ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ރަށްތަކާއެކު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް މިއަހަރުވެސް ކުރިއަށްދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް ރާއްޖެއަށް ގެނައުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހޭންޑްބޯލް އެސޯސިއޭޝަން ކުރެއްވި މަސައްކަތް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ރާފިއު މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގެ ރަށްތަކުގައި ކުޅެވޭނެ ގޮތް ވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ރާއްޖޭގެ ރީތި މަންޒަރުތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެނި މުބާރާތް ރާއްޖެ އިތުރަށް އިސްތިހާރުވުމުން އޭގެ ފައިދާ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355