މިއަހަރުގެ ބައިނަލް އަގްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމުގެ ގޮތުން، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާދަމާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ޔޫއެން ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހާ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގުޅިގެން މިއަހަރުގެ ބައިނަލް އަގްވާމީ ޒުވާނުގެ ދުވަސް ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔުން އޮންނާނީ އެއާޕޯޓްގައި އެވެ. އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލްވެސް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ޖީލުތައް އެއްބައިވަންތަކަމާ ގުޅޭ ވީޑިއޯ އާއި ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒު އިފްތިތާހްކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މީގެ އިތުރުން އެހެން ގިނަ ހަރަކާތްތައްވެސް ރޭވިފައިވެ އެވެ. އެގޮތުން ޒުވާނުންގެ ހޮޅުއަށި އާއި ގަސް އިންދުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.
ޒުވާނުންގެ ހޮޅުއަށިގެ އެއްވަނަ ސެޝަން އޯގަސްޓް 13 ވަނަ ދުވަހު 10:00-12:00 އަށް އަދި ދެވަނަ ސެޝަން 13:30-15:30 އަށް އޮންނައިރު މި ސެޝަންތަކުގައި ނަފްސާނީ ދުޅަހެޔޮކަން، އިގްތިސޯދީ ފުދުންތެރިކަން، ގާނޫނީ އަހުލުވެރިކަން އަދި ގެވެށި އަނިޔާ އާއި އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތަކާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތަކެކެވެ.
އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒުގައި ބައިވެރިވެފައިވަނީ އެންމެ 3 ރަށުންނެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ އަދި ހިރިމަރަދޫ އެވެ. މި މަސައްކަތް ދައްކާލުން އޮންނާނީ 13 ވަނަ ދުވަހު ޖަލާލުއްދީން ސްކޫލުގަ އެވެ.
ގަސްއިންދުމުގެ ޕްރޮގުރާމުގައި ކައުންސިލްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ 3 ސްކޫލްގެ އެކޯ ކުލަބުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.