twitterviber whatsapp telegramfacebookyoutube instagram
23rd August 2026

ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާއަށް: ފައިސަލް ނަސީމް

ނަބީލާ އިސްމާޢީލް
Aug 23, 2026

ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން އަބަދު ވެސް ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާއަށް ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން އަބަދު ވެސް ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާއަށް ކަމަށާއި ދަތި ވަގުތު ތަކުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ހުއްޓާލައި، ތަކެތީގެ އަގު ރައްޔިތުންނަށް ފޯރާ ހިސާބެއްގައި ބަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން ޖެހޭކަމަށެވެ.

އަމިއްލަ ފައިދާ އަށް މިއަދު ކުރާ ކަންކަމުގެ ނުރަނގަޅު އަސަރު މުޅި ޤައުމަށްކޮށް، ރައްޔިތުން އިނދަޖެހެން ދޫކޮށްނުލާ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދެއްވުމަށް ވަނީ ގޮވާލައްވާފަ އެވެ.

ފައިސަލް ވިދާޅުވީ ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އަރައި، ޑޮލަރު ހޯދުން އާންމުންނަށް އިންތިހާ އަށް ދަތިވެގެން ދިޔުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ހަރަދެއް ކުރުމުގެ ނަތީޖާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެފައި، އަދި ރިސޯޓު ތަކަށް ލިބޭ އާމްދަނީ އިން ގާނޫނުގައި ބުނާ ވަކި އަދަދެއް މާރު ކުރުވައިގެން ސަރުކާރަށް އާމްދަނީ ހޯދަމުން އަންނައިރު ވެސް، މިހާ މައްޗަށް ޑޮލަރުގެ އަގު އަރައިގެން މިދަނީ މި ވަގުތު ކުރަން ނުޖެހޭ ބޭކާރު އެތައް ހަރަދެއް ސަރުކާރުން ކުރަމުން ދާތީކަން ވެސް ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން. އަދި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް، ރަސްމާލޭގެ ނަމުގައި ބޮޑު ފަޅެއް ނުއަގުގައި ހިއްކަމުން ދާއިރު، މަސައްކަތް ކުރިޔަސް ނުކުރިޔަސް، އެ ޑްރެޖަރުގެ ކުއްޔަށް ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ދައްކަން ޖެހޭ ކަމަށާއި އޭގެ އިތުރުން ބިން ހިއްކުމަށް، އެ ޑްރެޖަރުން އަޅާ ކޮންމެ ކޮޑިމީޓަރެއްގެ ވެއްޔަށް އެތައް ޑޮލަރެއްގެ ރޭޓުން ފައިސާ ޚަރަދުކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި މިއަދުގެ ހާލަތަށް ނަޒަރު ހިންގާއިރު، މިކަމަށް ކުރާ ހޭދައަކީ ކުރީ ސަރުކާރުން ހިއްކާފައި ހުރި ބިންތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ހޭދައެއް،" ފައިސަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355