ކުރިޔަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމަވައިފި އެވެ.
މީގެ ކުރިން އިބޫ ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމަވައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި އިބޫ އާއި ފައިސަލް ދެމެދު މަޝްވަރާ ކުރެއްވުމަށް ފަހު އިބޫ މިހާރު ވަނީ އެ ވިސްނުން ދޫކޮށްލަައްވައި ފައިސަލް އަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިހާތަނަށް އިބޫ އަދި ފައިސަލްގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް އިބޫގެ ކޮއްކޮ އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވަނީ ފައިސަލް ނަސީމްގެ ފޮޓޯއެއް "އެކްސް" ގައި ޕޯސްޓު ކުރައްވައިފަ އެވެ. މީގެ އިތުރުން އިބޫ ވާދަ ނުކުރައްވާނެ ކަމަށް ބުނާ "މިހާރު" ގެ ހަބަރެއް ވެސް އޭނާ މިއަދު ރީޕޯސްޓު ކުރި އެވެ.
އެނގިފައިވާ ގޮތުގައި ފައިސަލްގެ ރަނިންމޭޓެއް ގޮތުގައި ނިންމާފައި ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
ފައިސަލްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެ ކުރިން ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ނަމަވެސް މިހާރު އޭނާގެ ސްޓޭންޑަކީ ފައްޔާޒަށް ތާއީދު ކުރެއްވުމެވެ.




