މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުދުއްފުށި ސިޓީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީ ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން މިމަހުގެ 19 ގައި ފަށައިގެން 22 ގެ ނިޔަލަށް ކުރިއަށްގެންދާ ބީޗް ގޭމްސްއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިކަހަލަ ގޭމްސްއެއް ކުރިއަށްދާއިރު ގިނަ ޒުވާނުންތަކެއްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނެ އެވެ.
ގޭމްސް ބައިވެރިއަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މުބާރާތުގެ އިންތިޒާމުތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭނާ ބުނީ މިކަހަލަ ފުރުސަތެއް މިލިބުނީ އަލަށް ކަމަށާއި މިއުމުރުގައި މިކަހަލަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
""އަޅުގަނޑުމެން ނެރެގެން މިއުޅެނީ 16، 17 އަހަރުން ދަށުގެ ޓީމެއް. ދެން މިކަހަލަ ފުރުސަތެއް ލިބުނީމާ ވަރަށް އުފާވޭ."ބީޗް ގޭމްސްގެ ބައިވެރިއެއް
އޭނާ ވަނީ މިކަހަލަ މުބާރާތެއް ގިނަ ފަރާތްތަކަށް ބައިވެރިވޭފަދަ ގޮތަކަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީއަށް ޝުކުރުއަދާކޮށްފަ އެވެ.
ބީޗް ގޭމްސް ކުރިއަށް ގެންދަނީ ތިންކުޅިވަރެއް ހިމަނައިގެންނެވެ. އެއީ ބީޗް ވޮލީ، ބީޗް ހޭންޑްބޯޅަ އަދި ބީޗް ފުޓްބޯޅަ އެވެ. އެގޮތުން މުބާރާތުގައި ޖުމްލަ 45 ޓީމެއް ބައިވެރިވެ އެވެ.
ބީޗް ފުޓްބޯޅައިން ޖުމްލަ 24 ޓީމެއް ބައިވެރިވެ އެވެ. އެއީ ފިރިހެން 20 ޓީމާއި އަންހެން 4 ޓީމެވެ. ބީޗް ހޭންޑްބޯޅައިގައި ބައިވެރިވީ ޖުމްލަ 10 ޓީމެވެ. އެއީ ފިރިހެން 6 ޓީމާއި އަންހެން 4 ޓީމެވެ.
ބީޗް ވޮލީބޯޅައިގައި ޖުމްލަ 11 ޓީމެއް ބައިވެރިވިއިރު އޭގެތެރޭގައި ހިމެނެނީ ފިރިހެން 8 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގެ ޗެމްޕިއަނާއި ރަނަރަޕް އަދި ސެކަންޑް ރަނަރަޕް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޔޫތް މިނިސްޓްރީއާއި ކައުންސިލްގެ ފަރާތުން ޓްރޮފީއާއި މެޑަލް ހުށަހެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މިމުބާރާތުގެ ސަބަބުން އެތައް ޒުވާނުންނަކަށް އަންނަނީ ހުނަރު ދައްކާލުމުގެ ފުރުސަތުވެސް ލިބެމުންނެވެ. ކޭއޯއާ ވާހަކަދެއްކި ގޭމްސްގެ ބައިވެރިއަކު ބުނީ މިމުބާރާތުގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދިޔަ ކަމަށެވެ. އަދި އޭނާ ބުނީ އުއްމީދަކީ މިކަހަލަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ގެންދިއުން ކަމަށެވެ.
މިއިވެންޓް ބެލުމަށްޓަކައި ގިނަ ބަޔަކު ދާކަމީ ވެސް މިއިވެންޓްގެ ފުރިހަމަކަން ހާމަވާ ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އިވެންޓް ބެލުމަށް އެތައް ބަޔަކު ދަނޑުތަކާ ވޮލީ ކޯޓުތައް ވަށާލާފައި އޮވެ އެވެ.