twitterviber whatsapp telegramfacebookyoutube instagram
9th May 2024

ދެ ދުވަސްތެރޭގައި 16 ޓީމް ހަމަވެއްޖެ، ބީއެސްއޭ މުބާރާތް 27 ގައި

މުޙައްމަދު އަހުމަދު
Nov 16, 2021

ބަޝީރު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖް މި ހިނގާ ނޮވެމްބަރު މަހުގެ 27 ގަ ފެށުމަށް ނިންމައިފި އެވެ.

މިމުބާރާތުގައި އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމެއް ހޮވޭއިރު ހުޅުވާލިތާ ދެދުވަސްތެރޭ ވަނީ 16 ޓީމު ހަމަވެފަ އެވެ. ބަޝީރު އެކަޑަމީން މައުލޫމާތުދިން ގޮތުގައި މިމުބާރާތުގައި ޖުމްލަ މިހާތަނަށް 25 ޓީމު ބައިވެރިވި ނަމަވެސް ފުރުސަތު ލިބުނީ 16 ޓީމަށެވެ.

އެ އެކަޑަމީން ހާމަކުރާ ގޮތުގައި މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާ ކުރުމެވެ. އަދި ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ގިނަ ޒުވާނުންނަށް އެފުރުސަތު ހޯދާ ދިނުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 18 ނޮވެމްބަރު 2021 ގެ ރޭގަނޑު 10 ގެ ކުރިން މުބާރާތް އިންތިޒާމުކުރާ ފަރާތަށް ހުށަހެޅީމަ އެވެ. ނަމަވެސް މިހާރު މިފުރުސަތު މިވަނީ ގެއްލިފަ އެވެ. އެއީ 16 ޓީމު ހަމަވެފައި އޮތުމުންނެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޓީމް އެންޓްރީ ފޯމާއެކު 1000 ރުފިޔާގެ ޗަންދާއެއް ވެސް ދައްކަން ޖެހެ އެވެ. މިމުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ޓީމް ލިސްޓަށް އުނިއިތުރު ގެނެވޭނެ އެންމެ ފަހު ތާރީހަކީ 22 މި ނޮވެމްބަރުމަހުގެ ހަވީރު 4 ގެ ކުރިންނެވެ. އަދި އުނިއިތުރު ގެންނަން ބޭނުންނަމަ އިދާރީ ފީގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހެ އެވެ.

ޓީމު ލިސްޓުގައި މަދުވެގެން 8 ކުޅުންތެރިންނާއި 2 އޮފިޝަލުން ހިމެނޭއިރު ގިނަވެގެން ހިމެނޭނީ 12 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ. ކުޅުންތެރިންގެ ގޮތުގައި ބައިވެރިވެވޭނީ ހަމައެކަނި ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ރަށުން ބޭރު ކުޅުންތެރިއެއްނަމަ ޓީމް ލިސްޓްގައި ހިމެނޭނީ ރަށު މީހަކާއި ކައިވެނިކޮށް ދިރިއުޅެމުންދާ ނުވަތަ 1 ނޮވެމްބަރު 2021 ން ފެށިގެން ރަށުގައި ވަޒީފާއެއް އަދާކުރަމުންދާ ނުވަތަ ރަށު ސްކޫލެއް/ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ފަރާތެއް ނަމަ އެވެ.

މިމުބާރާތުގެ މެޗުތައް ކުޅެވޭނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި 2019 ވަނަ އަހަރު ސެމީއަށް ދިޔަ ޓީމްތައް އެ އޮންނަ އުސޫލުގެ ތެރެއިން ސީޑް ކުރެވޭނެ އެވެ. އަދި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފީފާގެ އެންމެ ފަހުގެ ފުޓްސަލް ގަވާއިދު "ފީފާ ފުޓްސަލް ލޯ އޮފް ދަ ގޭމް 2021/2022 ގެ ދަށުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މިލްކުވާ ތައްޓާއި ރަން މެޑަލް ލިބޭނެ އެވެ. ރަނަރަޕް ޓީމަށް ރިހި މެޑަލްގެ އިތުރުން 3000 ރުފިޔާ ލިބޭނެ އެވެ. މުބާރާތުގައި ދެން ހޮވާ މަގާމުތަކަކީ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކަށް ޓްރޮފީ ހަވާލުކުރެވޭނެ އެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 27 ނޮވެމްބަރު 2021 ގަ އެވެ. އެހެންނަމަވެސް ދިމާވާ ކުއްލި މައްސަލައެއްގެ ސަބަބުން ފެށޭ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355