ފްރާންސް އަދި ޓޮޓެންހަމް ހޮޓްސްޕާގެ ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިކަން ހާމަކޮށްފި އެވެ.
36 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި މިވަނީ ދާދިފަހުން ނިމުނު ވޯލްޑްކަޕްގެ ފައިނަލުން އާޖެންޓީނާ އަތުން ބަލިވިތާ 3 ހަފްތާ ފަހުންނެވެ.
ހޫގޯ ލޮރިސް ވަނީ މީގެ ހަތަރު ކުރިން 2018 ވަނަ އަހަރު ފްރާންސްގެ ކެޕްޓަންކަމުގައި ހުރެ ވޯލްޑްކަޕުގެ ތަށި ހިއްލާލާފަ އެވެ.
"އަހަރެންގެ އިންޓަނޭޝަނަލް ކެރިއަރު ނިންމާލަން އަހަރެން ނިންމައިފިން. އެއީ އަހަރެންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެވުން ކަން އިހްސާސްވޭ." ލޮރިސް ބުނެފައިވެ އެވެ.
ފްރެންޗް ނޫސް އެލް އިކުއެޕާއާ ވާހަކަ ދައްކަމުން ލޮރިސް އިތުރަށް ބުނީ މިވަގުތު މިކަން އިއުލާންކުރުމަކީ އޭނާ ގަބޫލުކުރާގޮތުގައި އެންމެ ރަނގަޅު ގޮތްކަމަށެވެ. އެއީ ޔޫރޯ ފެށެން ބާކީ އޮތީ ދެމަހާއި ބައި ކަމަށެވެ.
ފްރާންސާއެކު ޔޫރޯ 2024 ގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ހިމެނެނީ ގިބްރަލްޓާ، ގްރީސް، ނެދަލޭންޑްސް އަދި ރިޕަބްލިކް އޮފް އަޔަލޭންޑެވެ.
ލޮރިސް އޭނާގެ އިންޓަނޭޝަނަލް ކެރިއަރު ފަށާފައިވަނީ 21 އަހަރުގަ އެވެ. އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ ނޮވެމްބަރު 2008 ގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ.
ވޯލްޑްކަޕުގައި އާޖެންޓީނާ އަތުން ބަލިވި ނަމަވެސް އެމެޗުގައި ކެޕްޓަންކަން ކުރި ލޮރިސްއަކީ ފްރާންސަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 145 މެޗު ކުޅެފަ އެވެ. އަދި އޭނާ ވަނީ ކެޕްޓަނެއްގެ ހައިސިއްޔަތުން 121 މެޗު ކުޅެދީ އެރެކޯޑް ވެސް ހަދާފަ އެވެ.