twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފަސޭހަކަމާއެކު ޗެލްސީ ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި

މުޙައްމަދު އަހުމަދު
May 26, 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަކަމާއެކު ޗެލްސީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ގަދަ ހަތަރެއް ޔަގީންކޮށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފި އެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން ދެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވި ޓީމުތަކަކީ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ އިތުރުން ދެވަނައިގައި އޮތް އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ އަދި ތާވަލުގެ ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑެވެ.

އާސެނަލަށް މިފަހަރުގެ ލީގު ހަނި ގޮތަކަށް ގެއްލުންއިރު އެޓީމުން ޗެމްޕިއަންސް ލީގުގައި ކުޅޭނީ 6 އަހަރަށް ފަހު އެވެ. ރޭ ޔުނައިޓެޑުން ޗެލްސީގެ މައްޗަށް ކުރިހޯދީ 4 - 1 ންނެވެ. އެއާއެކު ލިވަޕޫލަށް ގަދަ ހަތަރެއްގެ ޖާގަ ނުލިބި އަންނަ ސީޒަނުގައި އެޓީމު ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.

ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ ހަވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފަ އެވެ. ހިލޭ ޖެހުމަކުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ކަސެމީރޯ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިމެޗުގައި ޗެލްސީއަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ހާއްސަކޮށް ކައި ހަވާޓްޒްއަށް ލިބުނު ފުުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ޔުނައިޓެޑުގެ ދެވަނަ ލަނޑު އެންތަނީ މާޝަލް ކާމިޔާބުކުރިއިރު އެޓީމުގެ ތިންވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ބްރޫނޯ ފަނާންޑޭޒް އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ފޯމުގައި ހުރި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑު އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.

މިމެޗުގައި ޗެލްސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނައިރު އެޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުން ހިފޭ ގޮތްވެސް ނުވި އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެޓީމަށް ޖަހައިދިނީ ޖޯއޯ ފެލިކްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355