އަލްވަރޭޒްގެ ދެގޯލާއެކު ބްރެޒިލްގެ ފުލުމިނީސްގެ މައްޗަށް ކުރިހޯދާ ސިޓީގެ ތާރީހުގައި އެޓީމުން ފުރަތަމަ ފަހަރަށް ކުލަބް ވޯލްޑްކަޕް ހިއްލާލައިފި އެވެ.
ސައުދީ އަރަބިއްޔާގައި ކުޅެވުނު ފައިނަލުގައި ސިޓީން ފުލުމިނީސްގެ މައްޗަށް ކުރިހޯދީ 4 - 0 ގެ ބޮޑު ފަރަގަކާއެކުގަ އެވެ. ޕެޕް ގާޑިއޯލާގެ ސިޓީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހިއްލާލުމަށްފަހު އިއްޔެ ކުޅުނު ކުލަބް ވޯލްޑް ކަޕުގެ ފައިނަލު ފެށީ ވަރުގަދަކޮށެވެ. މެޗު ފެށިގެން 40 ސިކުންތު ތެރޭ ސިޓީގެ ފޯވާޑް އަލްވަރޭޒް ވަނީ މެޗުގައި އެޓީމަށް ލީޑު ނަގައިދީފަ އެވެ.
ސިޓީގެ ދެވަނަ ލަނޑަކީ އެޓީމުގެ ފިލް ފޯޑެން ނަގައިދިން ހުރަހެއް 27 ވަނަ މިނެޓުގައި ފުލުމިނީސް ނީނޯ އަތުން ބައިކޮޅަށް ވަދެގެން ސިޓީން ކާމިޔާބުކުރި ލަނޑެކެވެ. ސިޓީގެ ތިންވަނަ 72 ވަނަ މިނެޓުގައި ފޯޑެން ކާމިޔާބުކުރިއިރު މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އަލްވަރޭޒް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީ ތަށި ޔަގީންކޮށްދީފަ އެވެ.
މިމޮޅާއެކު ސިޓީ ވެގެން ގޮސްފައިވަނީ އެއް އަހަރެއްގެ ތެރޭގައި ފަސް ތަށި ހިއްލާލި ފުރަތަމަ އިނގިރޭސި ކުަލަބަށެވެ. ސިޓީން މިދިޔަ ސީޒަނުގައި ޓްރެބަލް ކާމިޔާބުކުރިއިރު އެޓީމުން ވަނީ ޗެމްޕިއަންސް ލީގާ އެފްއޭ ކަޕްގެ އިތުރުން ޕްރިމިއާ ލީގު އަދި ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
އިއްޔެގެ މޮޅަށްފަހު ގާޑިއޯލާ ބުނީ ނިމިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި މޮޅުވެވެން އޮތް ހުރިހާ މޮޅެއް ހޯދާ ކާމިޔާބުކުރެވެން އޮތް ހުރިހާ ތައްޓެއް ކާމިޔާބުކުރެވިއްޖެ ކަމަށެވެ. އަދި އެއާއެކު އަލުން މިކާމިޔާބީ ތަކުރާރު ކުރަން މިއޮތީ ޖެހިފައިކަން ވެސް އޭނާ ފާހަގަކުރި އެވެ.
ސިޓީން ކުލަބް ވޯލްޑް ކަޕް ހިއްލާލިއިރު ރޭ ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑް އަތުން 4 - 2 ން މޮޅުވެ މިސްރުގެ އަލް އަހްލީން ވަނީ ކުލަބް ވޯލްޑް ކަޕް ތިންވަނަ މަގާމު ހާސިލް ކޮށްފަ އެވެ. މުބާރާތުގެ ރަނަރަޕް ކަން ހޯދީ ބްރެޒިލްގެ ފުލުމިނީސް އެވެ.
ޖެއްދާގައި އިއްޔެ ސިޓީން ހޯދި މޮޅަކީ އެޓީމަށް ހަނދާން ނުނެތޭނެ ކާމިޔާބީ އެކެވެ. ކުލަބް ވޯލްޑް ކަޕު ހޯދުމަކީ އިނގިރޭސި ޓީމުތަކަށް އެހާ މުހިންމު ކަމަކަށް މީގެ ކުރިންވެސް ނުވާއިރު ގާޑިއޯލާ ވަނީ ހުރިހާ ކާމިޔާބެއް ހޯދާ ސިޓީގެ ކަލެކްޝަން ފުރިހަމަކުރުމަކީ އޭނާ އެންމެ މުހިންމު އިސްކަމެއް ދީގެން ކުރި މަސައްކަތް ކަމަށް އޭނާ ފާހަގަކުރި އެވެ.
މިފަހަރުގެ ކުލަބް ވޯލްޑް ކަޕަކީ ސިޓީގެ ފުރަތަމަ މުބާރާތަށް ވީއިރު ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާއާއި ބަޔާން މިއުނިކާއެކު މިމުބާރާތުގެ ތަށި ހިއްލާލާފަ އެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގެ 3 ވަނަ ކުލަބް ވޯލްޑް ކަޕުގެ ތަށިކަން ފާހަގަކޮށްލެވެ އެވެ.
ސިޓީގެ މިސީޒަނުގެ ޕްރިމިއާ ލީގުގެ ކެމްޕޭނަށް ބަލާލާއިރު އެޓީމުން އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން މޮޅެއް ލިބިފައިވަނީ އެންމެ މެޗަކުންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުލަބުގެ މަގާމު ހާސިލުކުރުމަށް އެޓީމުން ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަކޮށް މިހޯދި ކާމިޔާބުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެކަމަށް ބެލެވެ އެވެ.
ސިޓީގެ ކަލެކްޝަނަށް ތައްޓެއް އިތުރުވުމުން ސަޕޯޓަރުން ހިތްހަމަޖެހުނު ނަމަވެސް އެޓީމާއި އެޓީމުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ހާސްކަމަކަށް ވާނީ އިއްޔެގެ ފައިނަލުގެ 74 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ރޮޑްރީއަށް އަނިޔާވެގެން ބާލަންޖެހުމެވެ. އިއްޔެގެ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސިޓީގެ ކުޅަދާނަ ފޯވާޑް އަލްވަރޭޒް އެވެ.