twitterviber whatsapp telegramfacebookyoutube instagram
1st July 2025

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: މުއްތަލިބު

Jul 1, 2025

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ 88.7 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ސެޕްޓެންބަރުގައި އެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާކަމަށެވެ. އަދި އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލުގެ 83 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓު ނިމިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރުމަށް އޮތީ ނިންމައިފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ ނިންމައިފައެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އޭރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ވެގެން ދިޔުމުން ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ފުޅާވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355