ނޮޅިވަރަމްގައި ބޭއްވި 14 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ތަށި ފައިނަލުގައި ޗަކުލީ ބަލިކޮށް ކުޅުދުއްފުށީގެ ބަސީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ)އިން ހިއްލާލައިފި އެވެ.
ފައިނަލުގައި 7 - 2 ގެ ބޮޑު ތަފާތަކުން ބީއެސްއޭއިން ޗަކުލީ ބަލިކުރިއިރު ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 އަހްމަދު ނާއިލް އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
ބީއެސްއޭއިން ސެމީގައި ކުޅުދުއްފުށީގެ މާއްޓޭ އެކަޑަމީގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާ ފައިނަލަށް ދަތުރުކުރިއިރު އެމެޗު ބީއެސްއޭއިން ކާމިޔާބުކުރީ 11 - 04 ގެ ބޮޑު ތަފާތަކުންނެވެ. ޗަކުލީން ފައިނަލަށް ދަތުރުކުރީ ސެމީގައި 6 - 4 ން ކޭޖީ ކުޑަކުދިންގެ ގުޅުން ބަލިކޮށެވެ.
ޖުމްލަ 7 ޕޮއިންޓާއެކު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެ ބީއެސްއޭ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ. އެޓީމު އެއްވަރުވެފައިވަނީ ޗަކުލީއާ އެވެ. ޗަކުލީއަށް ވެސް ޖުމްލަ 7 ޕޮއިންޓް ލިބުނެވެ. އެހެންނަމަވެސް ބީއެސްއޭއިން ކުރި ހޯދީ ގޯލު ތަފާތަށް ބަލައިގެންނެވެ.
މިމުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓް (ފުޓްސަލް ކިންގް)އަކަށް ހޮވިފައިވަނީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 އަހްމަދު ނާއިލް އެވެ. ނާއިލް ވަނީ މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. ނާއިލް ވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ބީއެސްއޭއަށް ތަށި ހޯދައިދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާކޮށްފަ އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު ބީއެސްއޭގެ ކޯޗު ބަޝީރު ޔޫސުފަށް ލިބުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރެންޑްސް ޔުނައިޓެޑްގެ އަޒީލް އަލީ އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފްރެންޑްސް ޔުނައިޓެޑް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗަކުލީގެ ޖޯޒީ ނަމްބަރު 14 ޒިޔާން މުހައްމަދާއި ޖޯޒީ ނަމްބަރު 24 އަހްސަން އިބްރާހިމް، ޖޯޒީ ނަމްބަރު 11 ޝައިހާން އަލީ އަދި ބީއެސްއޭގެ ޖޯޒީ ނަމްބަރު 27 އަހްމަދު މުހައްމަދާއި އެޓީމުގެ ޖޯޒީ ނަމްބަރު 11 އަހްމަދު ނާއިލް އެވެ.
މިމުބާރާތުގައި ހުރިހާ ޓީމެއްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކުޅުދުއްފުށީ ބީއެސްއޭއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.