ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026 ގައި 21 ޓީމަކުން ބައިވެރިވިއިރު މާދަމާ މުބާރާތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ކުޅުދުއްފުށި ފުޓްސަލް ޗެލެންޖުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު އަންގާރަދުވަހު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ހޯމަ ދުވަހު އެން.އޯ.ސީ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް އެވެ.
09 އޮކްޓޯބަރުން 21 އޮކްޓޯބަރުގެ ނިޔަލަށް ކުރިއަށްދާ ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026 ގައި 16 ފިރިހެން ޓީމު އަދި 5 އަންހެން ޓީމު ބައިވެރިވެފައިވެ އެވެ. ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ދެބަޔަކަށް ބަހާލައިގެން އަންހެން ޓީމުތައް އަދި ފިރިހެން ޓީމުތައް ވަކިންނެވެ. އަންހެން ކެޓަގަރީގައި ފަސް ޓީމު ވާދަކުރާނީ ލީގު އުސޫލުންނެވެ. އަދި 16 ޓީމު ވާދަކުރާ ފިރިހެން ކެޓަގަރީ ވާދަކުރާނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ.
މި މުބާރާތުގެ ފިރިހެން ކެޓަގަރީ 4 ގްރޫޕަކަށް ވަނީ ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ މިނީ ޒިގްޒެގް، ކުޅުދުއްފުށި އެކުވެރިންގެ ދިރުން، ހިރަފުސް ސްޕޯޓްސް ކުލަބް އަދި ނުވިޔަސް ހެވޭ އެވެ. ގްރޫޕް ބީއަށް ބަލާއިރު އެގްރޫޕްގައި ވާދަކުރާނީ މަގުލަސް ކުލަބް، ޔަންގް ސްޓާސް އެފްސީ، ލަޔަނެސް އަދި ޒިގްޒެގް ފޯ ޔޫތް ލިންކޭޖެވެ. ގްރޫޕް ސީގައި ހިމެނެނީ އަރުތަ، ސްޓޯން، ޖޯކާރ ސްޓޯން އަދި ބޭލާ ރެކްރިއޭޝަން ކުލަބެވެ. ގްރޫޕް ޑީގައި ހިމެނެނީ މަގުލަސް ޖޫނިއާސް، ޑޯން ޔުނައިޓެޑް، ދައްސޫރަ އަދި ޒިގްޒެގެވެ.
އަންހެން ކެޓަގަރީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އަންހެން ކެޓަގަރީގައި ހިމެނޭ ޓީމުތަކަކީ ކެޑް، ފްލެމިންގޯ، ފައިވްގެ އިތުރުން މަންތާއާއި ޔުނީކް ފްރެންޑްސް އެވެ. ދެ ކެޓަގަރީގެ މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު އެވެ.
ހޯމަދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ، މިފަދަ ކުޅިވަރު ހަރަކާތްތަކުގައި މި ރަށުގެ އަންހެން އަދި ފިރިހެން ދެ ޖިންސުގެ ބޭފުޅުންގެވެސް ޝައުގުވެރިކަން ހުރިކަން ސާބިތުކޮށްދީފައިވާ ކަމުގަ އެވެ. އަދި ރަށު ތެރޭގައި ކުށް މަދުވެ އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެގެންވެސް ދާ ކަން މޭޔަރު ފާހަގަކުރެއްވި އެވެ. މޭޔަރު އާތިފް އިތުރަށް ފާހަގަކުރެއްވީ މި އަހަރު ޗެމްޕިއަންޝިޕްގެ ބަދަލުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމީ ފަރިތަކުރުމުގައި ޓީމުތަކަށް ދަތިވާނެތީ އާއި ބޮޑެތި ދަނޑުތަކުގައި އެކި މަޝްރޫއުތައް ކުރިއަށް ދާތީ އިންތިޒާމު ކުރުމުގެ ދަތިތައް ހުރުމާއެކީ ކަމުގަ އެވެ.




