twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނޮޅިވަރަމް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ބީއެސްއޭއާ ޗަކުލީ ގަދަ ހިފުމަކަށް!

މުޙައްމަދު އަހުމަދު
Jan 9, 2022
1

ނޮޅިވަރަމްގެ ދެ ފަރާތެއް ކަމަށްވާ އާދަމް އަޒްމީލު ސެމީ ލައިޓް އަދި ހުސެއިން މުހައްމަދު ރޯޝަނީ މަންޒިލް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 14 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓުގެ ފައިނަލުގައި ކުޅުދުއްފުށީގެ ބަސީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ)އިން ޗަކުލީއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މާދަމާ (10 ޖެނުއަރީ 2022) ކުޅެން ހަމަޖެހިފައިވާ ފައިނަލު މެޗުގައި ބީއެސްއޭއާ ޗަކުލީ ވާދަކުރަން ޖެހިފައިވާއިރު ދެޓީމު ވެސް ފައިނަލާ ހަމައަށް އައީ އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މީގެކުރިން ގްރޫޕް ސްޓޭޖްގައި ބީއެސްއޭއާ ޗަކުލީ ބައްދަލުކުރި މެޗު ނިމުނީ 4 - 4 ން އެއްވަރުވެގެންނެވެ.

ބީއެސްއޭއިން ސެމީގައި ކުޅުދުއްފުށީގެ މާއްޓޭ އެކަޑަމީގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާ ފައިނަލަށް ދަތުރުކުރިއިރު އެމެޗު ބީއެސްއޭއިން ކާމިޔާބުކުރީ 11 - 04 ގެ ބޮޑު ތަފާތަކުންނެވެ. އެމެޗުގެ މޭން އޮފް ދަ މެޗް ހޯދީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 އަހްމަދު ނާހިލް އެވެ.

ޗަކުލީން ފައިނަލަށް ދަތުރުކުރީ ސެމީގައި 6 - 4 ން ކޭޖީ ކުޑަކުދިންގެ ގުޅުން ބަލިކޮށެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޗަކުލީގެ ޖޯޒީ ނަމްބަރު 14 ޒިޔާން މުހައްމަދެވެ.

ޖުމްލަ 7 ޕޮއިންޓާއެކު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެ ބީއެސްއޭ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ. އެޓީމު އެއްވަރުވެފައިވަނީ ޗަކުލީއާ އެވެ. ޗަކުލީއަށް ވެސް ޖުމްލަ 7 ޕޮއިންޓް ލިބުނެވެ. އެހެންނަމަވެސް ބީއެސްއޭއިން ކުރި ހޯދީ ގޯލު ތަފާތަށް ބަލައިގެންނެވެ.

މިމުބާރާތުގައި ކުޅުދުއްފުށީގެ ދެ އެކަޑަމީން ނެރުނު ޓީމުތައް ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މާއްޓޭ އެކަޑަމީ ސެމީން ބަލިވިނަމަވެސް އެޓީމު ވެސް ވަނީ މިމުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނޮޅިވަރަމްގެ ދެފަރާތަކުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތަކީ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތު ތަނަވަސްކޮށްދީ، ފުޓްސަލްގެ ހުނަރު ހުނަރު ޒުވާން ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ. ހަމައެހެންމެ މިކުޅިވަރުގެ ތެރެއިން މުޖުތަމައުގެ މެދުގައި އެކުވެރިކަން އާލާކޮށް ދިރުވުމަކީ ވެސް މިމުބާރާތް ބޭއްވުމުގެ މަގްސަދެކެވެ. މިމުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މީގެ ދެވަނަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ.

10 ޖެނުއަރީވާ ބުދަ ދުވަހުގެ ހަވީރު 4:15 ގައި ބީއެސްއޭއާ ޗަކުލީ ބައްދަލުކުރާ ފައިނަލު މެޗު ފެށޭނެ އެވެ. ނޮޅިވަރަމް ސްޕޯޓްސްގެ އެފްބީ ޕޭޖުން މެޗު ލައިވްކުރާއިރު މިމެޗު ކުޅެވޭނީ ނޮޅިވަރަމް ފުޓްސަލް ގްރައުންޑްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355