twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް 5،000ރ. އަށް ބޮޑުކުރަން ޕެޓިޝަނެއް

Nov 24, 2021

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް 2،000 ރުފިޔާގެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކުރަން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.

ރައީސަށް މި ޕެޓިޝަން ހުށަހަޅަނީ ހއ. އިހަވަންދޫގެ ހާއްސަ އެހީ އަށް ބޭނުންވާ ތިން ޒުވާނަކު އިސްނަގައިގެނެވެ. ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ގެންދަނީ ގޫގަލް ފޯމެއް މެދުވެރިކޮށެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ މިހާރު ދޭ 2،000 ރުފިޔާގެ އިނާޔަތަކީ މިހާރު ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއްނޫން ކަމަށެވެ. އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރު ވެސް، ކެއުންބުއިމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ ކަމަށް ޕެޓިޝަނުގައިވެ އެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއް ފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތައް ޒިންމާއެއް އުފުލަން ޖެހިފައިވާ ފަރާތްތަކަށްވާއިރު، ބައެއް ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުން ކަމަށް ޕެޓިޝަންގައިވެއެވެ.

މިި ފަރާތްތަކަށް ގާނޫނުން ލިބިދޭން ޖެހޭ އެތައް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން މަރުހޫމު ވެފައިވާ ކަމަށް އޭގައި ބަޔާންކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން -/5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދި ޕެޓިޝަންގައި ހުށަހަޅާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީ ބޭނުންވާ މީހުންނަށް ދެމުންގެންދާ އިނާޔަތް ބޮޑުކުރާނެ ކަމަށް ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އައުމުގެ ކުރިން އަންނަނީ ވައުދުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355