ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ސްޕެއިނުގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ހޯދައިފި އެވެ.
މިއީ ރާއްޖޭގެ ބެޑްމިންޓަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކާމިޔާބީއާއެކު ނަބާ އަދި ނަބީ މިވަނީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ.
މިއީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލް ކުރާނެ ފުރަތަމަ ފަހަރަށް ވެގެންދާއިރު މީގެކުރިން ނަބާ ވަނީ އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ. އޭނާއަކީ އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އެވެ.
ނަބާއާއި ނަބީ ޖާގަ ހޯދީ ސްޕެއިނުގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސް ފުރަތަމަ ބުރުންނެވެ. ބައިނަލްއަގްވާމީ ކާމިޔާބީތަކުގެ ސަބަބުން ދެބެންނަށް މިމުބާރާތުން ފުރުސަތު ލިބުނުއިރު މިވަގުތު އެންމެފަހުން ނެރެފައިވާ ދުނިޔޭގެ ރޭންކިން ލިސްޓްގައި ނަބާއާއި ނަބީގެ ޕެއާ އޮތީ 117 ވަނައިގަ އެވެ.
މިދެބެންގެ ޕެއާއިން މިހާތަނަށް ބައިނަލްއަގްވާމީ 9 މެޑެއްޔެއް ރާއްޖެއަށް ކާމިޔާބުކޮށްދީފައިވާއިރު ނަބާ އާއި ނަބީގެ ޕެއާ އަކީ އެންމެފަހު ތިން ފަހަރުގެ ވެސް ގައުމީ އަންހެން ޑަބަލްސް ޗެމްޕިއަނުންނެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރަން ހަމަޖެހިފައިވާއިރު މިޕެއާ ނުކުންނާނީ ދުނިޔޭގެ 34 ވަނައިގައި އޮތް ރަޝިއާގެ އެކަޓެރީނާ މަލްކޯވާ އާއި އަލީނާ ޑަވްލެޓޯވާގެ ޕެއާއާ ދެކޮޅަށެވެ.
ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް މިއަހަރު ކުރިއަށްދާނީ މިމަހު 12 - 19 އަށް ސްޕެއިނުގައި އެވެ.