ކޮވިޑްގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓްގެ ކޭހެއް ރާއްޖެއިން ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށާއި މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް ކަމަށެވެ. އޮމިކްރޯން ވޭރިއަންޓްކަން ދެނެގަނެފައިވަނީ ޖެނޯމިކް ސީކުއެންސިންއިން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.
މިކަމާ ގުޅުންހުރި އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ވާހަކަ އެޗްޕީއޭއިން ބުނެފައިވާއިރު މިފަތުރުވެރިޔާއަކީ ކޮން ގައުމަކުން ރާއްޖެ ދަތުރުކުރި ފަތުރުވެރިއެއްކަމެއް އެޗްޕީއޭއަކުން ހާމަކޮށްފައެއް ނުވެ އެވެ.
We have received confirmation of the 1st case of COVID-19 Omicron variant in Maldives
— Health Protection Agency (@HPA_MV) December 5, 2021
This case is reported from genomic sequencing conducted on a positive sample of a tourist.
We will keep you updated on further developments
އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައިވެ އެވެ. އެއީ ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން އެވެ. ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވެސް ވޭރިއަންޓް ފެނުނު ނަމަވެސް މިހާތަނަށް އެކަމާ ރާއްޖެއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކުރި ގޮތުގައި އޮމިކްރޯން ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެކެވެ.