twitterviber whatsapp telegramfacebookyoutube instagram
13th May 2024

ސެމީގައި މިރޭ ބޭލާއާއި ޒިގްޒެގް ގަދަ ހިފުމަކަށް، ޗެމްޕިއަން އޭސީއެން ސްޓޯންއާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Dec 7, 2021
1

16 ޓީމާއެކު މިހާރު ކުރިއަށްދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ވާދަވެރި މެޗުތައް މިރޭ ކުޅެވޭނެ އެވެ. މިރޭ ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅޭވޭނެ އެވެ.

ފޯރިގަދަ ކުއާޓާ ފައިނަލަކަށް ފަހު މިފަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން އޭސީއެންއާއި އެ އަހަރުގެ ރަނަރަޕް ބޭލާގެ އިތުރުން ޒިގްޒެގްއާއި އަލަށް ސެމީއަށް ދަތުރުކުރި ސްޓޯން އެވެ.

ސެމީ ފައިނަލް 1: ޒިގްޒެގާއި ބޭލާ

އެންމެފަހުގެ ރަނަރަޕް ބޭލާ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ޕޮލިސް (ކޭސީޕީ) 3 - 2 ން ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި ހޯދި ސައްތައިން ސައްތަ ރެކޯޑާއެކު ކުއާޓާއަށް ދަތުރުކުރި ބޭލާއިން ވަނީ ކުއާޓާ ފައިނަލުގައި ވެސް ފޯރިގަދަ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ގްރޫޕް ސްޓޭޖްގައި ބޭލާ ހިމެނުނީ ޓީމް މައި ޕެޓާއި ޓީމް ސެވަންޓީސްގެ އިތުރުން އެރީނާ ފްރެންޑްސްއާއެކު ގްރޫޕް ޑީގަ އެވެ. ގްރޫޕްޑީގައި ބޭލާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ނުކުތީ ޓީމް މައި ޕެޓާ ދެކޮޅަށެވެ. އެމެޗު ބޭލާއިން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އެރީނާ ފްރެންޑްސްއާ ދެކޮޅަށް ނުކުތްއިރު އެމެޗު ބޭލާއިން ކާމިޔާބުކުރީ 7 - 3 ގެ ނަތީޖާއަކުންނެވެ.

ފަހުމެޗުގައި 5 - 0 ގެ ބޮޑު ތަފާތަކުން އެޓީމުން ޓީމް ސެވަންޓީސް ބަލިކުރި އެވެ. އެއާއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ މޮޅަކާއެކު ބޭލާއިން ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 9 ޕޮއިންޓާއެކު ކުއާޓާއަށް ދަތުރުކުރި އެވެ.

ސެމީ ފައިނަލުގައި ބޭލާއިން ނުކުންނާނީ ޒިގްޒެގާއި ދެކޮޅަށެވެ.

ބޭލާގެ ކޯޗު އަލީ މުހައްމަދު ސެމީ ފައިނަލުގެ މެޗުގެ ކުރިން ދިން ޕްރި-މެޗް އިންޓަވިއުގައި ބުނީ ބޭލާއިން ބޭނުންވަނީ ތަށި ކަމަށާއި ކުޅެން ޖެހިފައި އޮތް ޒިގްޒެގް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންނަމަވެސް މިމެޗަށް މިނުކުންނަނީ ބެލުމެއް ނެތި ވަރަށް ކިކްގައި ކަމަށް ބޭލާގެ ކޯޗު ބުންޏެވެ.

އިންޖަރީއާއެއްކޮށް މެޗާ ކުރިމަތިލާން ޖެހުނަސް ސަތޭކަ ޕަސެންޓް މުޅި ޓީމުން ދޭނެކަމަށް ކޯޗު ބުނެ އެވެ.

ޒިގްޒެގް ވެސް ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި 2 - 1 ން މިނީ ޒިގްޒެގް ބަލިކޮށްގެންނެވެ. ހުރިހާ މެޗަކުން މޮޅުވެ ކުއާޓާއަށް ދަތުރުކުރި ޒިގްޒެގުން ސެމީގައި ކުޅެން ޖެހުނީ ވެސް ޒިގްޒެގްގެ ޓީމެއް ކަމަށްވާ މިނީ ޒިގްޒެގާ އެވެ. ފޯރިގަދަ އަދި ވަރަށް ވާން ކުޅުމަކަށްފަހު މިމެޗު ކާމިޔާބުކުރީ ޒިގްޒެގުންނެވެ.

ގްރޫޕް ސްޓޭޖްގައި ޒިގްޒެގް ހިމެނުނީ މަގުލަހާއި ސްޓޯންއާއި ސްޕާޓަންސްއާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ޒިގްޒެގް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މަގުލަހާ އެވެ. އެމެޗު އެޓީމު ކާމިޔާބުކުރީ 5 - 0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ޒިގްޒެގުން ނުކުތީ ސްޓޯންއާއި ދެކޮޅަށެވެ. އެމެޗު 1 - 0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ފަހުމެޗުގައި ޒިގްޒެގުން ނުކުތީ ސްޕާޓަންސްއާ ދެކޮޅަށެވެ. އެމެޗު 4 - 0 ގެ ނަތީޖާއަކުން ޒިގްޒެގުން ކާމިޔާބުކުރި އެވެ.

ޒިގްޒެގްގެ ކޯޗު އިބްރާހިމް އާސިފް ސެމީ ފައިނަލުގެ މެޗުގެ ކުރިން ދިން ޕްރި-މެޗް އިންޓަވިއުގައި ބުނީ ސެމީ ފައިނަލަކަށް ޓީމެއް ރެޑީވާނެ ވަރަށް ޒިގްޒެގް އޮތީ ރެޑީވެފައި ކަމަށެވެ. އިންޖަރީސްތައް އުޅުނަސް ވެސް ޖުމްލަކޮށް ޓީމު އޮތީ ތައްޔާރަށް ކަމަށް އާސިފް ބުންޏެވެ.

ބޭލާއަކީ ކުޅުދުއްފުށީގެ ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި އެޓީމުގައި ފުޓްބޯޅައިގެ ނަން މަޝްހޫރު ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށް އާސިފް ބުންޏެވެ. އޭނާ ބުނީ މުބާރާތަކަށް ދެރަ، ބަލި ޓީމެއް ނާންނާނެކަމަށާއި މިމެޗުގައި އެންމެ ގަދަ ޓީމަކާއެކު ޖައްސާވަރަށް ޖައްސާނެކަމަށް އޭނާ ބުންޏެވެ. ޒިގްޒެގް ޓީމު މިހާހިސާބަށް އައީ ކުޅުންތެރިންނާއި ޒިގްޒެގްގެ މެނޭޖްމަންޓާއި ޒިގްޒެގް ފެމެލީއާއި ޒިގްޒެގަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއެކުކަން އާސިފް ވަނީ ފާހަގަކޮށްފަ އެވެ.

ޒިގްޒެގާއި ބޭލާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު ޒޯން ސްޓޭޑިއަމްގެ ޓާފް ފުޓްސަލް އެރީނާގަ އެވެ.

ސެމީ ފައިނަލް 2: އޭސީއެންއާއި ސްޓޯން

އެންމެފަހުގެ ޗެމްޕިއަން އޭސީއެން ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ޓީމް މައި ޕެޓް 4 - 0 ން ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި އެންމެ ރަނގަޅު ކުޅުން އޭސީއެންއަށް ދައްކާ ނުލެވުނު ކަމުގައިވީ ނަމަވެސް ކުއާޓާ ފައިނަލުގައި މައި ޕެޓާ ދެކޮޅަށް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ގްރޫޕް ސްޓޭޖްގައި އޭސީއެން ހިމެނުނީ ޕޮލިސް (ކޭސީޕީ) އާއި އަފީފުއްދީން އެސްއާރުސީގެ އިތުރުން މިމުބާރާތުގައި އަލަށް ވާދަކުރާ ޒުވާން ޓީމެއް ކަމުގައިވާ ވައިކިންގްސްއާއެކު ގްރޫޕް ސީގަ އެވެ. ގްރޫޕް ސީގައި އޭސީއެން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ނުކުތީ އަފީފުއްދީން އެސްއާރުސީއާ ދެކޮޅަށެވެ. އެމެޗު އޭސީއެންއިން ކާމިޔާބުކުރީ 10 - 1 ގެ ބޮޑު ތަފާތަކުންނެވެ.

ދެވަނަ މެޗުގައި ވައިކިންގްސްއާ ދެކޮޅަށް ނުކުތްއިރު އެ މެޗު އޭސީއެންއިން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ފަހު މެޗުގައި 2 - 2 ން ޕޮލިސް އަތުންވީ އެއްވަރެވެ. އެހެންނަމަވެސް ޖުމްލަ 7 ޕޮއިންޓާއެކު އޭސީއެން ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި އެވެ.

ސެމީ ފައިނަލުގައި އޭސީއެން ނުކުންނާނީ އަލަށް ސެމީއަށް ދަތުރުކުރި ސްޓޯންއާ ދެކޮޅަށެވެ.

އޭސީއެންގެ ކޯޗު ސިނާން އިބްރާހިމް ސެމީ ފައިނަލުގެ މެޗުގެ ކުރިން ދިން ޕްރި-މެޗް އިންޓަވިއުގައި ބުނީ ޑިފެންޑިން ޗެމްޕިއަންސްގެ ހައިސިއްޔަތުން މިމުބާރާތަށް ޓީމުވަނީ ވަރަށް ރަނގަޅަށް ރެޑީވެފައި ކަމަށާއި އެހެންނަމަވެސް އެކީގައި ޕްރެކްޓިސްކޮށްލަން ލިބުނު ވަގުތުކޮޅު ކުޑަވުމާއެކީގައި ފުރަތަމަ ޓީމަށް އެންމެ ފުރިހަމައަށް ޕާފޯމް ނުކުރެވުން ކަމަށް ވެސް ސިނާން ފާހަގަކުރެއްވި އެވެ.

މެޗަކަށް ވުރެ މެޗެއް ރަނގަޅުވަމުން އައިސް ޓީމު މިހާރު ހަމައަކަށް އެޅިފައިވާކަމަށާއި އިންޖަރީގެ މައްސަލައެއް ވެސް ޓީމުގައި ނެތްކަން ފާހަގަކުރަމުން ސިނާން ބުނީ ސެމީގައި ބައްދަލުކުރަން ޖެހޭ ސްޓޯން ޓީމަކީ ވަރަށް ވިނިން ސްޕިރިޓް ހައި އަދި ވޯކް ރޭޓް މަތި ޓީމެއް ކަމަށެވެ. އެހެންކަމުން އެޓީމު ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ސިނާން ބުންޏެވެ. މިމެޗަށް ނުކުންނާނީ އެޓީމު ވަރަށް ރަނގަޅަށް ދަސްކޮށްގެން އެޓީމަށް ހަމަ ރަނގަޅު ފައިޓެއް ދީ ހަމަ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން ކަމަށެވެ

ސްޓޯން ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ގަދަފަދަ ޖިއާން ސްކޯރގެ މައްޗަށް ހޯދި މޮޅާއެކުގަ އެވެ. ހުރިހާ ޓީމުތަކެއް ސިއްސުވާލުމަށްފަހު އެޓީމު ވަނީ 3 - 1 ން ޖިއާން ސްކޯރ ބަލިކޮށްފަ އެވެ.

ގްރޫޕް ސްޓޭޖްގައި ސްޓޯން ހިމެނުނީ މަގުލަހާއި ޒިގްޒެގާއި ސްޕާޓަންސްއާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ސްޓޯން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޕާޓަންސްއާ އެވެ. އެމެޗު އެޓީމު ކާމިޔާބުކުރީ ފަހަތުން އަރާ 5 - 3 ންނެވެ. ދެވަނަ މެޗުގައި ސްޓޯންއިން ނުކުތީ ޒިގްޒެގާއި ދެކޮޅަށެވެ. އެމެޗު 1 - 0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ފަހު މެޗުގައި ސްޓޯންއިން ނުކުތީ މަގުލަހާއި ދެކޮޅަށެވެ. އެމެޗު 4 - 0 ން ސްޓޯން ކާމިޔާބުކުރި އެވެ.

ސްޓޯންގެ ކޯޗު މުހައްމަދު ރިޒާ ސެމީ ފައިނަލުގެ މެޗުގެ ކުރިން ދިން ޕްރި-މެޗް އިންޓަވިއުގައި ބުނީ ކުއާޓާ ފައިނަލުގައި މޮޅުވީ ބުރަ މަސައްކަތުން ކަމަށާއި މިވަގުތު ޓީމުގައި ކުދި ކުދި އިންޖަރީ އުޅުނު ނަމަވެސް ނުކުޅެވޭވަރުގެ ބޮޑު އިންޖަރީއެއް ނެތްކަމަށް ވެސް ކޯޗު ބުންޏެވެ.

ކޯޗު ބުނިގޮތުގައި ސްޓޯންއިން މިމުބާރާތަށް ނުކުތީ "ވަރަށް ފޯރިކޮށްލަންވާނެ" މިޝިއާރުގެ ދަށުންނެވެ. ކުރިއަށް އޮތް މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށްވެސް މުހައްމަދު ބުންޏެވެ. ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކުރަމުން އޭނާ ބުނީ އޭސީއެންއާ ދެކޮޅަށް މިހާރުވެސް ތައްޔާރުވަމުންދާ ކަމަށާއި މިރޭގެ މެޗާ ކުރިމަތިލާނީ އެންމެ ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މިމެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ޒޯން ސްޓޭޑިއަމްގެ ޓާފް ފުޓްސަލް އެރީނާގަ އެވެ. ފުރަތަމަ މެޗުގައި ނަތީޖާ ނުކުންނަ ގޮތަކުން ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ ނުވަތަ އެހެންކަމެއް ދިމާވެއްޖެނަމަ މެޗު ފެށޭ ވަގުތު ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355