16 ޓީމާއެކު މިހާރު ކުރިއަށްދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފޯރިގަދަ މެޗު މިރޭ ކުޅެވޭނެ އެވެ. ގިނަ މެޗުތަކަކަށް ފަހު ފައިނަލަށްދާނެ ޓީމުތަކުގެ އިންތިޒާރުގައި ތިބި ސަޕޯޓަރުންގެ ޝުއޫރުތައް މިރޭ ފެނިގެންދާނެ އެވެ.
ފޯރިގަދަ އަދި ވާދަވެރި ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗުތަކަށްފަހު މުބާރާތުގެ ފައިނަލުގެ މެޗު މިރޭ ކުޅެވޭއިރު މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން އޭސީއެންއާއި ޒިގްޒެގެވެ.
ޒިގްޒެގް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 3 - 0 ން ބޭލާ ބަލިކޮށްގެންނެވެ. ކުއާޓާ ފައިނަލުގައި 2 - 1 ން މިނީ ޒިގްޒެގް ބަލިކުރިއިރު ޒިގްޒެގް ފައިނަލަށް މިދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކުގަ އެވެ.
ގްރޫޕް ސްޓޭޖްގައި ޒިގްޒެގް ހިމެނުނީ މަގުލަހާއި ސްޓޯންއާއި ސްޕާޓަންސްއާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ޒިގްޒެގް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މަގުލަހާ އެވެ. އެމެޗު އެޓީމުން ކާމިޔާބުކުރީ 5 - 0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ޒިގްޒެގުން ނުކުތީ ސްޓޯންއާއި ދެކޮޅަށެވެ. އެމެޗު 1 - 0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ފަހު މެޗުގައި ޒިގްޒެގުން ނުކުތީ ސްޕާޓަންސްއާ ދެކޮޅަށެވެ. އެމެޗު 4 - 0 ގެ ނަތީޖާއަކުން ޒިގްޒެގުން ކާމިޔާބުކުރި އެވެ.
ފައިނަލުގެ ކުރިން ޒިގްޒެގްގެ ކޯޗު އިބްރާހިމް އާސިފް ޕްރި-މެޗް އިންޓަވިއުގައި ބުނީ މުބާރާތެއްގައި އެންމެ ކުޅޭ ހިތްވާނެ މެޗަކީ ފައިނަލް މެޗު ކަމަށާއި ފައިނަލަށް ޒިގްޒެގް ޓީމު އޮތީ ވަރަށް ތައްޔާރަށް ކަމަށެވެ. ޝައްކެއް ވެސް ނެތްގޮތުގައި އިދިކޮޅުން ނުކުންނަ އޭސީއެން ޓީމަކީ މުބާރާތުގެ ކުރިން ވެސް ފޭވަރިޓެއް ކަމަށާއި އަދި ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް ކަމަށް އާސިފް ބުންޏެވެ.
"އަޅުގަނޑުމެން ވިސްނައިގެން ރަނގަޅަށް އަޅުގަނޑުމެން ގޭމް ޖައްސައިފިއްޔާ ބަލިނުކުރެވޭނެ ޓީމެއް ނޫން އޭސީއެންއަކީ." އާސިފް ބުންޏެވެ.
ޒިގްޒެގްގެ ކެޕްޓަން އަންވަރު އާދަމް ޕްރި-މެޗް އިންޓަވިއުގައި ބުނީ މެޗު ނިމެންދެން ވެސް ޒިގްޒެގް ޓީމުން ހިތްވަރުކުރާނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުޅޭނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭ ކަމަށް އަންވަރު ބުނެފައިވެ އެވެ.
އަންވަރު ވަނީ ޒިގްޒެގަށް ދުރާ ގާތުން ވެސް ސަޕޯޓުކުރަމުން އަންނަ އެންމެހާ ފަރާތްތަކަށް ކުޅުންތެރިންނާއި ޒިގްޒެގް ފެމެލީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.
އެންމެފަހުގެ ޗެމްޕިއަން އޭސީއެން ސެމީއަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި 4 - 1 ން ސްޓޯން ބަލިކޮށްގެންނެވެ. މުބާރާތުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި ސްޓޯން ބަލިކޮށް އޭސީއެން ފައިނަލާ ހަމައަށް އައިއިރު އެޓީމުން ވަނީ ކުއާޓާ ފައިނަލުގައި ޓީމް މައި ޕެޓް 4 - 0 ން ބަލިކޮށްފަ އެވެ. އޭސީއެންއަށް ގްރޫޕް ސްޓޭޖްގައި އެންމެ ރަނގަޅު ކުޅުން ދައްކާ ނުލެވުނު ނަމަވެސް ކުއާޓާ ފައިނަލުގައި މައި ޕެޓާ ދެކޮޅަށް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި ސެމީވެސް އެޓީމުން ކާމިޔާބުކުރީ މޮޅު ކުޅުމަކަށް ފަހު އެވެ.
ގްރޫޕް ސްޓޭޖްގައި އޭސީއެން ހިމެނުނީ ޕޮލިސް (ކޭސީޕީ) އާއި އަފީފުއްދީން އެސްއާރުސީގެ އިތުރުން މިމުބާރާތުގައި އަލަށް ވާދަކުރާ ޒުވާން ޓީމެއް ކަމުގައިވާ ވައިކިންގްސްއާއެކު ގްރޫޕް ސީގަ އެވެ. ގްރޫޕް ސީގައި އޭސީއެން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ނުކުތީ އަފީފުއްދީން އެސްއާރުސީއާ ދެކޮޅަށެވެ. އެމެޗު އޭސީއެންއިން ކާމިޔާބުކުރީ 10 - 1 ގެ ބޮޑު ތަފާތަކުންނެވެ.
ދެވަނަ މެޗުގައި ވައިކިންގްސްއާ ދެކޮޅަށް ނުކުތްއިރު އެ މެޗު އޭސީއެންއިން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ފަހު މެޗުގައި 2 - 2 ން ޕޮލިސް އަތުންވީ އެއްވަރެވެ. އެހެންނަމަވެސް ޖުމްލަ 7 ޕޮއިންޓާއެކު އޭސީއެން ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި އެވެ.
އޭސީއެންއަށް ޒިގްޒެގާއި އެއްގޮތަށް ސައްތައިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދަތުރު ނުކުރެވުނު ކަމުގައިވީ ނަމަވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޭސީއެންއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޕްރި-މެޗް އިންޓަވިއުގައި ވާހަކަދައްކަމުން އޭސީއެންގެ ކޯޗު ސިނާން އިބްރާހިމް ބުނީ ފައިނަލް މެޗަށް ޓީމު އޮތީ ވަރަށް ތައްޔާރަށް ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި އޭނާ ބުނީ ޒިގްޒެގް ޓީމަކީ މިމުބާރާތުގައި އޮތް އެންމެ ޑިފެންސިވް ރެކޯޑް ރަނގަޅު ޓީމު ކަމަށާއި އެޓީމުގެ ޑިފެންސް ފޫއަޅުވާލަން އޭސީއެންއިން އޮތީ ތައްޔާރަށް ކަމަށް ކޯޗު ސިނާން ބުންޏެވެ.
އޭސީއެންގެ ކެޕްޓަން އަހްމަދު މުހައްމަދު (ވެނިސް) ޕްރި-މެޗް އިންޓަވިއުގައި ވާހަކަދައްކަމުން ބުނީ ސަޕޯޓަރުންގެ ސަޕޯޓު ފައިނަލުގައި ވެސް ވަރަށް ބޭނުންވާ ކަމަށާއި މިހާތަނަށް ސަޕޯޓަރުންނާއި އެންމެހާ ފަރާތްތަކުން ދިން އެއްބާރުލުމަށް އޭނާ ޝުކުރުއަދާކުރި އެވެ.
ވެނިސް ބުނީ ފުރަތަމަ ޓީމަށް ކުޅެވުނީ އެންމެ މޮޅަށް ނޫންކަމަށެވެ. އެހެންނަމަވެސް ފައިނަލަށް ޓީމް ވަރަށް ތައްޔާރުކަމަށް ކެޕްޓަން ބުންޏެވެ.
ދެޓީމުގެ ކުޅުންތެރިން އަޅާކިޔާއިރު އޭސީއެންގައި އޮތީ ތަޖުރިބާކާރު އެކި ހުނަރުން ފުރިފައިވާ ތަފާތު ކުޅުންތެރިން ހިމެނޭ މޮޅު ޓީމެކެވެ. ޒިގްޒެގަށް ޓީމަށް ބަލާލާއިރު އެޓީމުގައި ތިބީ ރަށުގައި ތިބި އަރަމުން އަންނަ އެންމެ މޮޅެތި ޒުވާން ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެކެވެ. ކޮންމެ ގޮތެއްވިއަސް މިފަހަރުގެ ފައިނަލް މެޗު ވެގެންދާނީ ވަރަށް ވެސް ފޯރިގަދަ އަދި ވާދަވެރި މެޗަކަށެވެ.
އޭސީއެންއާއި ޒިގްޒެގް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8.15 ގަ އެވެ. މިމެޗު ކުޅެވޭނީ ޒޯން ސްޓޭޑިއަމްގެ ޓާފް އެރީނާގަ އެވެ. މޫސުން ތަންނުދޭނަމަ މިމެޗު މިރޭ ނުކުޅޭނެކަމަށް ބީއެސްއޭއިން މައުލޫމާތުދެ އެވެ. އަދި މިމެޗު ބީއެސްއޭގެ އެފްބީ ޕޭޖުން ލައިވްކުރާނެ އެވެ.